ހާއްސައެހީއަށް ބޭނުންވާ ހަ އަހަރުގެ އިބްރާހިމް އަޒާން ސުހެއިލް ނިޔާވި މައްސަލަ ބަލަމުންދާ ކަމަށާއި ތަހުގީގަށްފަހު އިސްލާކުރަންޖެހޭ ކަންކަން ރައްދުވާ އިދާރާއަކަށް އަންގާނެކަމަށް އެޗްއާރުސީއެމުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން އެޗްއާރްސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މ.ޗީޒް އިބްރާހިމް އަޛާން ސުހައިލް ކެއިންބުއިމަށް ބޭނުންވާ ފީޑިންގ ޓިއުބެއް ބޭނުންވާ މުއްދަތައް ނުލިބިގެން އެކުއްޖާގެ މަންމަ އާމިނަތު ޔަޝްފާ 16 މާރިޗް 2026ގައި މީސްމީޑިއާގެ މަންސައެއްގައި ކުރި ޕޯސްޓަކާގުޅިގެން އެކަން ކޮމިޝަނުގެ ސަމާލުކަމަށް އައުމާއެކު 17 މާރިޗުގައި އެ ކޮމިޝަނުން ތަހުގީގެއް ފަށާފައިވާނެ ކަމަށެވެ.

މި ތަހުގީގުގައި ބަލަމުން މިދަނީ ދިވެހި ރައްޔިތަކަށް ދައުލަތުގެ އެހީތެރިކަމެއް ބޭނުންވާ ނިޒާމުގެ ތެރެއިން ލަސްވުމެއްނެތި އެހީތެރިކަން ލިބޭނޭގޮތް ގާއިމްވެފައި އޮތްތޯއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަންނަނިވި ހައްގުތައް (21 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ދިރިހުރުމުގެ ހައްގާއި، 23 ވަނަ މާއްދާގެ (ނ)އިން ކަށަވަރުކޮށްދޭ ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމުގެ ހައްގާއި، 35 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ކުޑަކުދިންނާއި ޅަފުރާގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމުގެ ހައްގު) ގާނޫނުއަސާސީއިން ތަސައްވުރު ކުރާ މިންވަރަށް ދައުލަތުގެ ފަރާތުން ކަށަވަރުކޮށްދީފައިއޮތްތޯއާއި ރައްޔިތަކު އެހީތެރިކަމަކަށް އެދޭ ހިނދު އެކަމެއްގެ މުއާލާތް ކެނޑުމުގެކުރިން އެކަމެއް ހައްލުކުރެވޭނެ އިޖުރާއަތެއް ދައުލަތުގެ ފަރާތުން ގާއިމްކުރައްވާފައިއޮތްތޯ ނުވަތަ ނޫންތޯ ކަމަށް އެޗްއާރްސީއެމްއިން ވިދާޅުވިއެވެ.

މިކަން ތަހުގީގުކުރުމަށްފަހު އިސްލާހުކުރަންޖެހޭ ކަންކަން އެކަމެއް ރައްދުވާ ދައުލަތުގެ އިދާރާއެއްގެ މައްޗަށް ލާޒިމުކޮށް ދަންނަވާނެ ކަމަށެވެ. އަދި އެ ކޮމިޝަނުން ދޭ ލަފަޔާއި ހުށަހެޅުންތައް ތަންފީޒުކުރަމުން ގެންދާ މިންވަރު އެ ކޮމިޝަނުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި މިކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގައި ދަންނަވާނެ ކަމަށެވެ.