ފާއިތުވެ ދިޔަ އަހަރުތަކުގައި އެކި އިންތިހާބުތަކުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާތީ އިދިކޮޅު އެމްޑީޕީން މިހާރު އިންތިހާބުތަކަށް ޖެހިލުންވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް އިއްޔެ އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ. މި ދޮރުން ދޮރަށް ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި ހަރަކާތެކެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ މިހާރަކަށް އައިސް އެމްޑީޕީން އިންތިހާބުތަކަށް ޖެހިލުންވަމުންދާ ކަމަށާއި އެއީ މިދިޔަ އަހަރުތަކުގައި އިންތިހާބުތަކުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުންކަމަށެވެ. އަދި ދެ އިންތިހާބު އެއް ދުވަހަކާ ބޭއްވުމާ ދެކޮޅަށް އެމްޑީޕީން ކުރަމުންދާ ކެމްޕޭނުގައި ދޮގު ހަދަމުންދަނީ އެހެންވެކަމަށް އިހުސާން ވަނީ ވިދާޅުވެފަވެއެވެ.

ދެ އިންތިހާބު އެއް ދުވަހާ ބޭއްވުމުގެ ކަންކަމުގައިވެސް އެމްޑީޕީން ރައްޔިތުންނާ މެދު ނުވިސްނާ މިންވަރު ފެންނަކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ދެ އިންތިހަބު އެއް ދުވަހާ ބޭއްވުމުން ދައުލަތުގެ މާލިއްޔާއިން ބޮޑު އެއްޗެއް ސަލާމަތްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދެ އިންތިހާބު އެއް ދުވަހާ ބޭއްވި ނަމަވެސް ދެ އިންތިހާބު އޮންނާނީ ވަކިވަކިންކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.