ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
މި މައްސަލައިގެ އަޑުއެހުން މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ފެންނަ ނުފެންނަ ވޯޓު ހުއްޓުވައި ދިނުމަށްއެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައިވަނީ ޤާނޫނީ ވަކީލް އިބްރާހީމް ޝިޔާމް އަދި އައިކު އަޙްމަދު އީސާ އެވެ. މި މައްސަލަ ރައްދުވަނީ އެޓަރނީ ޖެނެރަލްގެ އޮފީސް، ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަންގެ މައްޗަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާ ކުރި ޤާނޫނީ ވަކީލް އިބްރާހީމް ޝިޔާމް ވިދާޅުވީ، ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް އޮތްގޮތަށް ތަސްދީގު ކުރުމާމެދު ފެންނަ ގޮތަކީ ކޮބައިތޯ ބެލުމާއި ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ލިސްޓުކޮށްފައިވާ ކަމަކަށް ގެންނަ ބަދަލަކަށް ރައްޔިތުން ރުހޭތޯ ބެލުމާއި، މިއީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ.
މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ވަންހަނާވާނެ ގޮތަށް މިހާރުގެ ސުވާލު ފަރުމާކޮށްފައި އޮތްކަން ފާހަގަކޮށް ވަކީލް އިބްރާހީމް ޝިޔާމް ވިދާޅުވީ މިހާރު ފަރުމާ ކޮށްފައިއޮތް ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލެއް ނޫން ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ޤާނޫނުއަސާސީއަށް އިސްލާހު ގެންނަ ވަކި ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގުކުރެވޭނީ ހިޔާލު ހޯދުމުގެ ވޯޓަކުން ރައްޔިތުންގެ އަގުލަބިއްޔަތު ލިބިގެންކަން ބަޔާންކުރަނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ކަމަށެވެ. ނަމަވެސް އެފަދަ ވޯޓެއްގައި ސުވާލެއް ނުވަތަ އިބާރާތެއް އޮންނަންޖެހޭނެ ވަކިގޮތެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. ހިޔާލު ހޯދުމުގެ ވޯޓުގެ އުސޫލުތައް ބަޔާންކުރަނީ ރައްޔިތުންގެ ހިޔާލު ހޯދުުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައިކަން ފާހަގަކޮށް ދައުލަތުގެ ވަކީލް ވިދާޅުވީ، ޤާނޫނުގައި އޮންނަނީ ވޯޓަށް އެދުމަށް ރައީސް ޤަރާރެއް ނެރޭނެ ކަމަށެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ޚިލާފުވެވޭނީ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ލާޒިމުކުރާ ކަމެއްގައި ވޯޓަށް ނާހާ ބިލް ތަސްދީގުކުރުމުން އަދި ވޯޓުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ލިބޭގޮތާ އިދިކޮޅަށް ބިލް ތަސްދީގު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަމަލުކުރެއްވުމުން ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިމުނީކަން ވަނީ ހާމަކުރައްވާފަ އެވެ. އަދި މައްސަލައިގައި އިތުރު ކަމެއްސާފުކުރަން ނެތްނަމަ ދެން ބާއްވާނީ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުންކަން ކަމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނެނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ތަސްދީގުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގަރާރަކުން ނިންމަވާފައިވަނީ ފެބްރުއަރީ 16 ވަނަ ދުވަހު އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އޭޕްރިލް 4 ވަނަ ދުވަހު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓަށް އަހާނެ އެވެ.