"ޓާޓާބައި ޓުއާސް" އިން އިންތިޒާމުކޮށްގެން ބާއްވާ "ޓާޓާބައި މޯލްޑިވްސް ފޯ-ސިޓީ ރޯޑްޝޯ" ރަސްމީކޮށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން އެންޑޯޒްކޮށްކޮށްފި އެވެ.

ޓާޓާބައި ޓުއާސްއަކީ ރާއްޖެއަށް އެންމެ ގިނަ އިންޑިއާ ފަތުރުވެރިން ފޮނުވުމުގައި އެހީތެރިވެދޭ އެއް ޓުއާ ކުންފުންޏެވެ. އިންޑިއާގެ އެކި ސިޓީތަކަށް އަމާޒުކޮށްގެން ހިންގާ މި ހަރަކާތަކީ އިންޑިއާގެ މާކެޓުގައި ރާއްޖެއަށް އަމާޒުކޮށްގެން ބޭއްވުމަށް ރޭވިފައިވާ އެންމެ ބޮޑު އެއް ރޯޑްޝޯއެވެ. މި ހަރަކާތުގައި ރާއްޖޭގެ 25 ލަގްޒަރީ ރިސޯޓަކުން ބައިވެރިވާނެއެވެ.

މި ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމިހުގެ 31 އިން އޭޕްރީލް 4 އަށް، ހުޅަނގު އިންޑިއާގެ މުހިންމު ހަތަރު ސިޓީއެއް ކަމަށްވާ އަހުމަދުއާބާދު، ވަޑޯދަރާ، ސޫރަތު އަދި ޕޫނޭގައެވެ. މިއިން ކޮންމެ ސިޓީއެއްގައިވެސް ޓްރެވަލް އެޖެންޓުންނާއި، ޓުއާ އޮޕަރޭޓަރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކަށް ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ރިސޯޓުތަކުގެ މަންދޫބުންނާ ސީދާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ލިބިގެންކަމަށް ވީއެމްސީއިން ވަނީ ބުނެފައެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ ބްރޭންޑް ވަރުގަދަކުރުމާއި، ރާއްޖޭގެ މަންޒިލްތަކާ ބެހޭ މަޢުލޫމާތު މުއްސަނދިކުރުމުގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކާއި އިންޑިއާގެ ޓްރެވަލް ޕްރޮފެޝަނަލުންނާ ދެމެދު ބަދަހި ގުޅުމެއް ގާއިމުކުރުމެވެ. މީގެ އިތުރުން، މި ރޯޑްޝޯގެ ތެރެއިން ވަން-އޮން-ވަން ބައްދަލުވުންތަކާއި، ނެޓްވޯކިންގ ސެޝަންތަކާއި، ރާއްޖެއާ ބެހޭ ޕްރެޒެންޓޭޝަންތައް ކުރިއަށްދާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ މައިސް، ލަގްޒަރީ، ރޮމޭންސް، ވެލްނެސް، ޑައިވިންގ އަދި ކަނޑުއަޑީގެ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރުމަށް މަގުފަހިވާނެއެވެ.

ޓާޓާބައި ޓުއާސްއަކީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި އިންޑިއާގެ މާކެޓުގައި ރާއްޖޭގެ ރިސޯޓުތަކަށް ޚިދުމަތްދޭ އެންމެ އިތުބާރުހުރި އެއް ކުންފުނީގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ފަރާތެކެވެ. ރާއްޖޭގެ 130 އަށްވުރެ ގިނަ ރިސޯޓާއެކު ސީދާ އެއްބަސްވުންތައް އޮންނަ މި ކުންފުންޏަކީ އިންޑިއާގެ މާކެޓަށް އެންމެ އެކަށޭނަ އަގުތަކާއި، ވަގުތުން ލިބެން ހުންނަ ޖާގަތަކާއި، ޚާއްޞަ އޮފާތައް ފޯރުކޮށްދިނުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ.

ވިޒިޓް މޯލްޑިވްސްއިން ޓާޓާބައި ޓުއާސްއަށް މި ދިން ރަސްމީ އެންޑޯޒްމަންޓަކީ، ރާއްޖެއަކީ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށާއި، ދާއިރާގެ ބައިވެރިންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ކުންފުންޏަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާއަކީ އަދިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. މިފަދަ ރޯޑްޝޯތަކަކީ އިންޑިއާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށާއި، ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ދިގު މުއްދަތުގެ ސްޓްރެޓެޖީގެ މުހިންމު ބައެކެވެ.