ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.
މި މަސައްކަތް ފަށާފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިޔާތުގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖަމްޝީދު އާއި މިނިސްޓްރ އޮފް ހެލްތް އަބްދުﷲ ނަޡީމް އަފި ތިނަދީ ސިޓީ ތަމްސީލްކުރާ މަޖްލިސް މެންބަރުންނާއި ތިނަދޫ ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެފައިވެއެވެ.
ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 87,455 އަކަފޫޓުގެ ސަރަހައްދެއްގައި 102 އެނދުގެ ޖާގައިގެ އިމާރާތެއް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ. މިއ،ީ 144.43 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
10,000 މަތީގެ އާބާދީއެއް އޮންނަ ތިނަދޫ ސިޓީއަކީ ދުވާލަކު އެތައް ބަޔަކު ސިއްހީ ފަރުވާ ހޯދުމަށް ދަތުރުކުރާ އަތޮޅުގެވެރިކަން ކުރާ ރަށެވެ. ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރު ވިންގެއް ޑިޒައިންކޮށް އިމާރަތް ކުރުމުގެ އަމަލީ މަސައްކަތް ނިމުމާއެކު ތިނަދޫއިން ލިބޭ ސިއްހީ ފަރުވާ އިތުރުވެ، ތިނަދޫ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ބޭސްފަރުވާގެ ހިދުމަތް ލިބުމަށް މަގުފަހި ވެގެންދާނެއެވެ. މިއ،ީ މި ރަށާއި އަދި އަތޮޅު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމެކެވެ.