ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއިދު ކުރައްވާކަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހާމަކުރައްވައިފިއެވެ.
ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލު އެންޑޯޒްކޮށް، ތާއީދުކޮށްފައިވާ ކަަމަށެވެ. ގާސިމް ވިދާޅުވީ، މޫސާ ޖަލީލަކީ، ގައުމީ ހިދުމަތުގެ ފަހުރުވެރި ރެކޯޑްތަކެއް އޮތް، މި ގައުމުގެ ދިފާއުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބަތަލެއް ކަމަށެވެ.
އަދި ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރު މަހު ތިން ވަނަ ދުވަހު ދިވެހި ގައުމަށް ކުރިމަތިވި އުދުވާނީ ހަމަލައިން ގައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ގައުމީ އަޒުމު ސާބިތުކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ.
އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ގައުމަށްޓަކައި ތައްޔާރަށްކަމަށާއި ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކުކަމަށް ގާސިމް ވިދާޅުވިއެވެ. ފަސްބައިގާ ކިލަނބުކަމެއް ނެތްކަމަށާއި އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މޫސާ އަލީ ޖަލީލް އަކީ ހުލްގު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަހްސިއްޔަތެއްކަމަށެވެ.