ބަންގަލަދޭޝްއަކީ އިތުބާރުހުރި އަވަށްޓެރި ގައުމެއްގެ އިތުރުން ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ބޮޑުވަޒީރު ޠާރިޤް ރަޙްމާނަށް ފޮނުއްވެވި ސިޓީފުޅުގައެވެ.

ބަންގްލަދޭޝްގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް މުހައްމަދު ޝަހާބުއްދީނަށާއި، ބޮޑުވަޒީރު ތަރިގް ރަޙްމާނަށާއި، އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައެވެ.

އެ މަނިކުފާނުގެ ސިޓީފުޅުގައިވަނީ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ މި ގާތްގުޅުން ބިނާވެގެންވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާ، އިހްތިރާމުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ. މިގުޅުން ދުވަހެއް ދުވަހަކަށް ހަރުދަނާވެ، ފުޅާވެގެން ދިޔުމުގައި، ދެގައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގުޅުން މުހިއްމު ދައުރެއް އަދާކުރާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިޔަށް އޮތްތާގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ، ބަންގްލަދޭޝްގެ ތާރީހުގައި މި ފާހަގަކުރާ މުހިންމު ދުވަހަކީ މިނިވަންކަމާއި މުސްތަގުބަލަށް އޮތް އުންމީދުތައް ރަމްޒުކޮށްދޭ ދުވަހެއް ކަމަށެވެ. އަދި މި އުފާވެރި ފާހަގަކުރުންތަކަކީ އެ ގައުމުގެ ކުރިއެރުމާއި ލާބައަށް މަސައްކަތް ކުރުމަށް ބަންގްލަދޭޝްގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ހިތްވަރެއް ކަމުގައި ޔަގީންކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބަންގްލަދޭޝްއަކީ ދިވެހިރާއްޖެއާ ގާތް ގުޅުމެއް ބާއްވާ، އިތުބާރު ހުރި އަވަށްޓެރި ގައުމެއްގެ އިތުރުން ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމަކީ ދެ ގައުމުގެ ކުރިއެރުމަށް މަގުފަހިކޮށްދޭ މައިގަނޑު އަސާސް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ކުރެވެމުންދާ ހެޔޮ މަސައްކަތްތަކާ މެދު އުފާކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ރައްޔިތުންނަށް ބާއްޖަވެރި މުސްތަޤުބަލަކަށް އެދިވަޑައިގެންފައެވެ.