ސުންނީ، ޝީއި މަޒުހަބީ ތައައްސުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމައު ވެއްޓިގެން ދިޔުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެެވެ.
މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި ޝަހީމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތްޖަމާއަތުގެ ސައްހަ މަތިވެރި އަގީދާގެ މަތީގައި، ގުރުއާނާއި ސުންނަތާއި ސަލަފުއްސާލިހުންގެ މަންހަޖުގައި އެތައް ގަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބިބި ބައެއް ކަމަށެވެ. އަދި އިސްލާމްދީނުގެ ވަސަތީ އުސޫލުތަކުގައި ހިފަހައްޓައިގެން ތިބިބައެއް ކަމަށެވެ.
ޝަހީމް ވަނީ ސުންނަތް ޖަމާއަތުގެ މަތިވެރި އަގީދާގައި ރާއްޖެ ދެމިއޮންނާނެ ކަން ފާހަގަކުރައްވާ މި އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި އިލްމުވެރިންގެ އަރިހުން އެދިފައެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދިނުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ހިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރަންވެސް ޝަހީމް ވަނީ އިލްތިމާސްކުރައްވާފައެވެ.
ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމައު ބައިބައިކޮށްލައި ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެންޖެހޭނެ ކަން ފާހަގަކުރައްވާ ޝަހީމް ވަނީ ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަ ނުދެއްކުމަށް ވެސް ނަސޭހަތްތެރިވެފައެވެ.