މިހާތަނަށް 9،500 އަށްވުރެ ގިނަ ފޯމު ސަރުކާރުން ހުޅުވާލާފަވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ހުށައަޅާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިމަރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނީ މިހާތަނަށް ޖުމުލަ 9،645 މީހުން ފޯމު ހުށައަޅާފަވާކަމަށެވެ.
ގިނަ މީހުން ފޯމު ހުށައަޅާފަވަނީ ފްލެޓަށް އެދި ކަން ފާހަގަކޮށް، ފްލެޓަށް އެދި 5،993 މީހުން މިހާތަނަށް ފޯމު ހުށައަޅާފަވާ ކަމަށާއި، ގޯއްޗަށް އެދި 3،234 މީހުން ފޯމު ހުށައަޅާފައި ވާކަމަށް ބުނެއެވެ.
ޖުމުލަ 9227 ފޯމު ވަނީ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަށް ހުށައަޅާފައެވެ.
ދެން ހިމެނެނީ އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ކުރިމަތިލެވޭގޮތަށް ހުޅުވާލަފަވާ "ގޯތި ގެދޮރު" ޕްރޮގްރާމެވެ. އެ ކެޓަގަރީއިން މިހާތަނަށް 418 ފޯމު ވަނީ ހުށައަޅާފައެވެ. މިއާއެކު ޖުމުލަ 9،645 ފޯމު މިހަތަނަށް މިވަނީ ހުށައަޅާފައިވެއެވެ.
ޑްރާފްޓް މަރުހަލާގައި 13،279 ފޯމު އެބައިންކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެދަށުން މިހާތަނަށް، ހުޅުވާލާފައި މިވަނީ މި ސްކީމްތަކަށެވެ.
އިތުރު 2 ޕްރޮގްރާމަކަށް އޭޕްރިލް މަހުގެ 1ވަނަ ދުވަހު ހުޅުވާލާނެއެވެ. އެއީ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ "ގެދޮރުވެރިޔާ" ޕްރޮގްރާމްގައި ހިމެނޭ 2 ކެޓަގަރީއާކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީއެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމަކީ ނިމުނު ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެތެރެއިން، ވަކިން ގޯތިތަކަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ދޭ ފުރުސަތެކެވެ. ދެން ހިމެނެނީ ސަރުކާރުން ހިންގާފަވާ އަސަސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކުގެ ކެޓަގަރީއެވެ.
މި ކެޓަގަރީތަކަށް ފޯމު ހުށައެޅުމަށް ހުޅުވާލާނީ އޭޕްރިލް މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.
ސަރުކާރުން މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ ސްކީމްތަކަށްވެސް ކުރިމަތިލެވޭނީ އޭޕްރިލް މަހުގެ ނިޔަލަށެވެ. މިއިން ކޮންމެ ކެޓަގަރީއެއްގައި މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުންގެ ކެޓަގަރީ ހިމެނެއެވެ. ފޯމު ހުށައެޅޭނީ "ބޯހިޔާވަހިކަން" ހައުސިން ޕޯޓަލް މެދުވެރިކޮށެވެ.