ކައްކާ ގޭސް ލިބުމުގައި ރާއްޖެ އަށް އެހާ ބޮޑު ދައްޗެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ވިދާޅުވީ، ސްރީ ލަންކާ އާއި ބަންގްލަދޭޝް އަށް ގޭސް ސަޕްލައި ކުރަނީ އެއްބައެއް ކަމަށް ވާއިރު އެ މީހުންގެ ކުދިކުދި އުޅަނދުތައް ރާއްޖެ ސަަރައްހދުގައި ދަތުރުކުރާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ގޭސް ރައްކާ ކުރުމާ ގުޅޭ ޕްރޮޖެކްޓުގެ ޕްރޮކިއުމަންޓު މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ ޕްރޮޖެޓު މި އަހަރުގެ ނިޔަލަށް ނިންމަން ތާވަލު ކޮށްފައިވާއިރު، އޭރުން ދެ މަހާއި 15 ދުވަހުގެ މުއްދަތަށް މޯލްޑިވް ގޭހުން، ގޭސް ސްޓޯރު ކުރެވޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި މޯލްޑިވް ގޭހަށް މިހާރު އެއްފަހަރާ ރައްކާ ކުރެވެނީ 1،000 ޓަނުގެ ގޭސް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޒަމީރު އިތުރަށް ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން ވިއްކާ ކައްކާ ގޭހުގެ ސްޓޯރޭޖު އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެ ޕްރޮޖެކްޓު ނިމުމުން ދެ މަހާއި 15 ދުވަހުގެ މުއްދަތަށް ގޭހުގެ ސްޓޯރޭޖު މާލެ ސަރަހައްދުގައި ބެލެހެއްޓޭނެ ކަމަށެވެ.
ގޭހުގެ ޑިމާންޑު ބޮޑުވުމާ ގުޅިގެން މިދިޔަ ދެ މަސް ތެރޭގައި މޯލްޑިވް ގޭހުން ވަނީ ގޭސް ވިއްކާ އަދަދު ދެ ފަހަރެއްގެ މަތިން ލިމިޓު ވެސް ކޮށްފަ އެވެ.