މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި މަސްރަހު ފިނިކުރުމަށް މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ، އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ 61 ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އިރާނުން ގަލްފުގެ ގައުމުތަކާއި ދެކޮޅަށް ދެމުންދާ ހަމަލާއާއި ގުޅޭގޮތުން ބޭއްވި ކުއްލި ބައްދަލުވުމުގައެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ 61 ބައްދަލުވުމުގެ ތެރެއިން އިރާނުން ގަލްފުގެ ގައުމުތަކާއި ދެކޮޅަށް ދެމުންދާ ހަމަލާއާއި ގުޅޭގޮތުން ބޭއްވި ކުއްލި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވާފައިވަނީ، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އެ ބައްދަލުވުމުގައި ދާއިމީ މަންދޫބު ޑރ. ސަލްމާ ވަނީ، މެދުއިރުމަތީގެ މަސްރަހު ހޫނުވަމުންދާ ދިއުމާއި މެދު ރާއްޖެއިން ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.

ޑރ. ސަލްމާ ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އާންމު ތަންތަނާއި، ގައުމުތަކުގެ އަސްކަރީ ނޫން ހައްސާސް ތަންތަނަށް ހުރިހާ ފަރާތްތަކަކުންވެސް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރި ކުރާ ކަމަށެވެ. އަދި މި ހަމަލާތަކުގައި ކުށެން ނެތް މީހުން މަރުވަމުންދާކަމަށާއި، މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އަދި އިންސާނީ ހައްގުތަކާއި ބެހޭ ގާނޫނޫތަކާއި ހިލާފު އަމަލެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އީރާނުން ގަލްފުގެ ގައުމުތައް ކަމުގައިވާ، ސައުދި އަރަބިއްޔާއާއި، ޔޫއޭއީއާއި، ގަތަރާއި، ކުވެއިތާއި، އޮމާންގެ އިތުރުން އުރުދުންގެ އާންމު ތަންތަނާއި ހައްސާސް ތަންތަނަށް ދޭ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން އިންސާނީ އަދި އިގްތިސާދީ މައްސަލަތަކާއި ކުރިމަތިވެ، ދުނިޔޭގެ ބާޒާރަށާއި، ބޯޓު ދަތުރުފަތުރުގެ ސިނާއަތަށް ބުރު އަރަމުންދާ ކަމަށެވެ.

އެހެންކަމުން އދގެ ޗާޓަރާއި އެއްގޮތަށް ބާރުގެ ބޭނުން ނުކޮށް ސުލްޙަވެރި ކަމާއިއެކު މައްސަލަ ހައްލުކުރަން އިސްކުރުމަށާއި، އދގެ ސަލާމަތީ މަޖިލީހުގެ ގަރާރާއި އެއްގޮތަށް މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށާއި، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ގައުމުތަކުގެ ހާރިޖީ ގުޅުންތަކުގެ ތެރެއިން މިމައްސަލަ ހައްލުކޮށް މެދުއިރުމައްޗަށް އަމާންކަމާއި، ސުލްހަވެރިކަމާއި، ރައްކާތެރިކަން ގެނައުމަށް މަސައްކަތް ކޮށްދިނުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން ތަރާރުކުރެއްވިއެވެ.

މެދުއިރުމަތީގެ މަސްރަޙު ފިނިކުރުމަށް ގައުމުތަކުން މަސައްކަތް ކޮށްދިނުމަށް ރާއްޖެއިން ގޮވާލާފައިވާއިރު، މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އިރާނާއި ދެކޮޅަށް އެމެރިކާ އަދި ޔަހޫދީ ދައުލަތް އިސްވެ އޮވެ ވަނީ ހަމަލާ ދީފައެވެ. އެހަމަލާތަކުގެ ރައްދުގައި އިރާނުން ދަނީ، ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ބައެއް އެހެން ތަންތަނަށްވެސް ހަމަލާ ދެމުންނެވެ.

ރާއްޖެއަކީ ޔަހޫދީ ދައުލަތުގެ އަމަލުތައް ކުށްވެރިކޮށް، އެ ދައުލަތާމެދު ފިޔަވަޅު އަޅައި އެ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އަބަދުވެސް ގޮވާލަމުންދާ ގައުމެކެވެ. ޔަހޫދީ ދައުލަތުން މެދުއިރުމަތީގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެކި ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.