މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅޭ ހަބަރާއި މައުލޫމާތު ޒިންމާދާރުކަމާއެކު ފެތުރުމަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަނޑައްތުކުރަމުންދާ މި ޚައްސާސް ދަނޑިވަޅުގައި، މީޑިއާތަކުން އެފަދަ ހަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަމަށެވެ.
އެ ކޮމިޝަނުން ބުނީ ރައްޔިތުންނާ ހަމައަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި، ހަވާލާދީފައިވާ ސުލޫކީ މިންގަޑުގައި ހިމެނޭ، ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ފެކްޗުއަލް ޕްރޮގްރާމުތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓު ހިމެނުމުގައި އެ ފަރާތްތަކުން ދެއްކި ވާހަކައިގެ މަފްހޫމު ނުގެއްލޭގޮތަށް ގެނެސްދިނުމަށް ސަމާލުކަންދޭނެޖޭކަމަށެވެ.
މީގެ އިތުރުން އަސްލާއި އެއްގޮތް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ ވޯޑިއޯ ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުންނުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި މީޑިއާތަކުން އެފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރުކަމާއެކު އަދާކުރުމަށް ދިވެހި އެންމެހައި ނޫސްވެރިންނަށް ހަނދާންކޮށްދީފައިވެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން، ބައެއް މީޑިއާތަކުން ހަގީގަތާއި ހިލާފު ދޮގު ހަބަރާއި މައުލޫމާތާއި، ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާކަން އެކި ފަރާތްތަކުން ފާހަގަކުރެއެވެ. އަދި ހަނގުރާމައާއި ގުޅޭ މައުލޫމާތުތައް ފެތުރުމަށް ސައްހަ ނޫން މަސްދަރުތައް ބޭނުންކުރާކަން ފާހަގަކުރެވެއެވެ.