ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނަށް ތާވަލުކޮށްފި އެވެ.
މި ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10:15 ގަ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮތް ސުވާލުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގާނޫނުއަސާސީގައި ހިމެނި މާއްދާތަކުގެ އިމުގެ ބޭރުން ކަންކަން ހިމަނާފައިވާކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
މި މައްސަލައަކީ މުޅި ބިލު ތަސްދީގުކުރުމަށް ފެނޭތޯ އެހުމަކީ، ގާނޫނުއަސާސިއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާނޭ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް ކަމަށާއި އެ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް އެޕްރީލް 4، ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ، ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ އެވެ. އަދި މި މައްސަލަ ހުށަހަޅާފައިވަނީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.