ވަކި ބަދަލަކަށް މީހަކު ނުރުހުމަކީ، އެ ބަދަލަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށް ގާނޫނީ ވަކީލު އަދި ނިމިދިޔަ ދައުރުގެ ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީއަކީ ބަދަލުކުރެވޭނެ އެއްޗެއް ކަން ފާހަގަކުރައްވާ މޫސާ ސިރާޖް ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން އުޅޭ އިރަށް، އެއީ "ގާނޫނުއަސާސީގެ ރޫހާ ހިލާފު" ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަކާލާތު ކުރާތަން ވަރަށް ގިނައިން ފެންނަކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެންބަރުން އޭރު ގެންގުޅުއްވި ވިސްނުމުގައި ދުނިޔެ އުމުރަށް ގާނޫނުއަސާސީ ދެމިއޮންނާކަށް ނުޖެހޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ އިޖުރާއަތްތައް ބަޔާންކޮށްފައިވަނީ، ޒަމާނާއި ހާލަތަށް ރިއާޔަތްކޮށް ބަދަލުތައް ގެނައުމުގެ މަގު ފަހިކުރުމުގެ ބޭނުމުގައި ކަމަށާއި، މުހިންމީ އިޖުރާއަތްތައް ފުރިހަމަ ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގެ، މިސާލަކަށް ޖަރުމަނުވިލާތުގެ ގާނޫނުއަސާސީގައި، ކިތަންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނު ކަމުގައިވިޔަސް ބަދަލުނުކުރެވޭނެ ވަކި ކަންތައްތަކެއް ކަނޑައަޅާފައި ހުންނަ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގައި އެފަދަ އެއްވެސް ހުރަހެއް ބަޔާންކޮށްފައި ނުވާކަމަށެވެ.

ކަނޑައެޅިފައިވާ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްގެން، ގާނޫނުއަސާސީގެ ކޮންމެ މާއްދާއަކަށް ވެސް ބަދަލު ގެނައުމުގެ ފުރުސަތު ރާއްޖޭގެ ގާނޫނުއަސާސީގައި ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހާއްސަކޮށް، އިންތިހާބުތައް އެއްކޮށްލުމަށް ހުށަހެޅޭ އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ނުވަތަ މައިގަނޑު އުސޫލުތަކަށް ބަދަލު އަންނާނެ ކަމެއް ނޫން ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިބާވަތު ކަންކަމުގައި އޮންނާނީ ގިނަ ރައްޔަތުންނަށް ފެންނަގޮތް ކަމަށެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ފާސްވެއްޖެނަމަ، މާނައަކީ އެއީ އަގުލަބިއްޔަތުގެ ނިންމުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ނުރުހޭމީހާ ނުރުހުނަސް ޑިމޮކްރެޓިކް ނިޒާމެއްގައި އަބަދުވެސް އޮންނާނީ ގިނަމީހުން ބޭނުންވާގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.