މެޖޯރިޓީ އޮތް ކައުންސިލަކާއެކު ސަރުކާރުން އައްޑޫ ސިޓީ ބާރު ދުވެލީގައި ތަރައްގީކޮށްދޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ދޮރުން ދޮރަށް ހަރަކާތަކަށް ފަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގަ މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ރައްޔިތުން ސަރުކާރަށް ދިން ފަދަ ބޮޑު ތާއީދެއް ކައުންސިލް އިންތިހާބުގައިވެސް ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ ރައްޔިތުން ނިންމާނީ ސަރުކާރަށް މެޖޯރިޓީ ދިނުމަށް ކަމަށާއި، އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލަކުން އައްޑޫއަށް ތަރައްގީ ނުގެނެވުނުކަން ރައްޔިތުން މިހާރު ގަބޫލުކޮށްފި ކަމަށެވެ.

އެމްޑީޕީގެ ސަރުކާރެއްގައި އެމްޑީޕީގެ ކައުންސިލެއް އޮވެގެންވެސް އައްޑޫ ތަރައްގީ ނުވިކަން އެއީ އެންމެންނަށް ފެންނަން އޮތް ހަގީގަތެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވޭތުވެދިޔަ ދެ އަހަރަށް އަލިއަޅުއްވާލައްވަމުން އިހުސާން ވިދާޅުވީ، މިހާރު އޮތް އެމްޑީޕީގެ މެޖޯރިޓީ ކައުންސިލުން ސަރުކާރުގެ މަޝްރޫތަކަށް ހުރަސްއަޅައި، ކަންކަމުގެ ސްޕީޑް ދަށްކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސް މުއިއްޒުގެ ސަރުކާރަށް އައްޑޫ ރައްޔިތުން ކުރާ އިތުބާރު ހާމަވެގެން ގޮސްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އައްޑޫ ރައްޔިތުންނަކީ ތަރައްގީއަށް ލޯބިކުރާ، ތަހުޒީބީ މުޖުތަމައުތަކުގެ ތަޖުރިބާ ހުރި ބައެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެމްޑީޕީއަށް މީގެ ކުރިން އައްޑޫގެ ހުރިހާ ގޮނޑިއެއް ދިނުމުންވެސް ރައްޔިތުން މާޔޫސްވާން ޖެހުނުކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، މިހާރު އައްޑޫ ރައްޔިތުން ތިބީ ރައީސް މުއިއްޒާއެކު ތަރައްގީގެ އާ ދުވަސްތަކަކަށް އުންމީދުކޮށްގެން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް އިންތިހާބަކީ އައްޑޫގެ ތަރައްގީގެ މިސްރާބު ކަށަވަރުކުރާނެ އިންތިހާބަކަށް ވާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.