50 ހައުސިން ޔުނިޓް ހދ. ވައިކަރަދޫގައި ތަރައްޤީކުރުމަށްޓަކައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އެވެ.
ހދ. ވައިކަރަދޫގައި 3 ކޮޓަރީގެ 50 އެޕާޓްމަންޓް ހިމެނޭ ހައުސިން ޔުނިޓްތަކެއް މި މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ވަނީ ހަމަޖައްސާފައެވެ. މިއީ ސަރުކާރުން އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއުއެވެ.
މި މަޝްރޫއު ނިންމުމަށް އެޗް.ޑީ.ސީ އަށް ދީފައިވަނީ 480 ދުވަހުގެ މުއްދަތެކެވެ.
ވައިކަރަދޫގެ މި މަޝްރޫއަކީ ރަށްރަށުގެ އުމްރާނީ ތަރައްގީއާއި ބޯހިޔާވަހިކަން އިތުރުކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މަޝްރޫއެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޗްޑީސީއިން މިހާރުވެސް ދަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަމުންނެވެ.