މިއަހަރުގެ ފެބްރުވަރީ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 74 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 21 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު ފިރިހެން ކުދިންނާއި ގުޅޭ 12 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 9 މައްސަލައެއް އޭގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ރިޕޯޓުކޮށްފައިވާ މައްސަލަތަކަށް ބަލާލާއިރު، ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 12 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 11 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 09 މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 02 މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ 01 މައްސަލަ، ކުޑަކުދިންގެ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯގެ 01 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން- ބްލެކްމެއިލްކުރުމުގެ 01 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 01 މައްސަލަ، ކުޑަކުދިންނަށް ޖިންސީ "ގްރޫމިން" ކުރުމުގެ 01 މައްސަލައާއި އެހެނިހެން 01 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން ފެބްރުވަރީ މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 34 މައްސަލައަކާއި ފިރިހެން ކުދިންގެ 40 މައްސަލައެކެވެ.

މީގެ އިތުރުން ރިޕޯޓުކޮށްފައިވާ މައްސަލަތަކށް ބަލާލާއިރު، ކުދިންގެ އަހްލާގީ މައްސަލަތަކަށް ބަލާލާއިރު، ފެބްރުވަރީ މަހު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންގެ އަހްލާގީ މައްސަލަތަކާ ގުޅޭ 18 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އާއިލީ މައްސަލަތަކަށް ބަލާލާއިރު، 33 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ޖުމްލަ 48 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅުންހުރި 21 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.ި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ 08 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ފެބްރުވަރީ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 152 ކުދިންނެވެ. އެގޮތުން، ހިމެނެނީ 83 ފިރިހެން ކުދިންނާއި 69 އަންހެން ކުދިންނެވެ. އަދި ފެބްރުވަރީ މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 02 ކުއްޖަކު ފޮސްޓަރިން އާއިލާތަކާއި ހަވާލުކޮށްފައިވާކަމަށްވެސް ތަފާސް ހިސާބުަކުން ދައްކައެވެ.ެ

ފެބްރުވަރީ މަހު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 1802 ކޯލު ވަނީ ލިބިފައެވެ.

އެގޮތުން، އެ ވުޒާރާގެ ޗައިލް ހެލްޕްލައިން 1412 އަށް ޖުމްލަ 1418 ކޯލު ވަނީ ލިބިފައެވެ. މީގެ ތެރެއިން، 64 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތަކެވެ. އަދި، 1143 ކޯލު ބޮޑެތިމީހުންގެ ފަރާތުން ލިބިފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 211 ކޯލު ވަނީ ލިބިފައެވެ. އަދި އެ ވުޒާރާގެ ސޯޝަލް ސށާވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 384 ކޯލު ވަނީ ލިބިފައެވެ.

ފެބްރުވަރީ މަހު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ 82 ފަރާތަކަށް ކައުންސިލިން ސެޝަން ފޯރުކޮށްދީފައިވެއެވެ. އަދި 01 ފަރާތަކަށް ޓްރެއިނިން ސެޝަންތައް ކުރިއަށް ގެންގޮސްފައިވާއިރު، 08 ފަރާތަކަށް ޕޭރެންޓިން ސެޝަން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި 57 ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީފައިވެއެވެ.