ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ހަދައި، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ޝާއިއުކޮށްފިއެވެ.

އެ ވުޒާރާއިން ބުނީ، މި ގަވާއިދަކީ ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމަށް ހަރުދަނާ އޮނިގަނޑެއް ތައާރަފުކޮށް، ތަރުތީބުވެފައިވާ އާބަން ތަރައްގީއަކަށް މަގުފަހިކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ބިންވެރިންނާއި ޑިވެލޮޕަރުންނަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގަވާއިދެއް ކަމަށެވެ.

ބިމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުގައި ހުޅުމާލޭގެ ރެސިޑެންޝަލް ޕްލޮޓްތަކުގައި އިމާރާތްކުރުމުގެ އިޖުރާއަތްތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، މި ގަވާއިދު ތަންފީޒުކުރާނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މާލި ވުޒާރާ އިން ބުނީ، މި ގަވާއިދުގައިވާ ގޮތުން، ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ކުރާ އިމާރާތްތަކުގެ ޑިޒައިން އެޕްރޫވަލް އާއި އިމާރާތްކުރުމުގެ ހުއްދަ ހޯދަންޖެހޭނީ އެޗް.ޑީ.ސީ މެދުވެރިކޮށް ކަމަށެވެ. އަދި މިކަމަށް އެދި ހުށަހަޅަންޖެހޭނީ އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މާލީ ވުޒާރާއިން ބުނީ، އިމާރާތްކުރުމުގެ މަސައްކަތް ފެށޭނީ ބޭނުންވާ ހުއްދަތައް ލިބުމުން ކަމަށާއި، މިއީ ތަރައްގީގެ މަސައްކަތްތައް ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން، ބިންތަކުގެ އިންވަކިކުރާ ފާހަގަތައް ޖެހުމާއި، ބޭނުންވެއްޖެ ހާލަތެއްގައި އަލުން ޖަހައިދިނުމަކީ އެޗް.ޑީ.ސީގެ ޒިންމާއެއް ކަމަށް މި ގަވާއިދުގައި ކަނޑައަޅާފައިވާނޭ ކަމަށް ވެސް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

މިއީ ރަޖިސްޓްރީކޮށްފައިވާ ބިމުގެ މިންތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރުމަށް ކުރެވޭ ކަމެކެވެ.

މި ގަވާއިދުގައިވާ ގޮތުން، ގޯތިތަކުގެ ބޮޑުމިނަށް ބަލައި އިމާރާތް ކުރެވޭނެ އުސްމިންތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، 400 އަކަފޫޓަށް ވުރެ ކުޑަ ގޯތިތަކުގައި އިމާރާތް ކުރެވޭނީ 1 ފަންގިފިލާ ނުވަތަ 6 މީޓަރަށެވެ. 801 އަކަފޫޓާއި 900 އަކަފޫޓާ ދެމެދުގެ ގޯތިތަކުގައި 8 ފަންގިފިލާ ނުވަތަ 24.5 މީޓަރަށް އިމާރާތް ކުރެވޭނެއެވެ. 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތަކުގައި 30.5 މީޓަރު (10 ފަންގިފިލާ) އާ ހަމައަށް އިމާރާތް ކުރުމުގެ ހުއްދަ ލިބޭނެއެވެ.

ނަމަވެސް، ވައިގެ ބަނދަރުގެ ސަލާމަތީ މިންގަނޑުތަކަށް ރިއާޔަތްކޮށް، ނެއިބަރހުޑް 9 އެއްގައިވާ ގޯތިތައް އިމާރާތްކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރެވެ. ލިފްޓް މެޝިން ރޫމާއެކުވެސް އެ ސަރަހައްދުގެ އިމާރާތްތަކުގެ އުސްމިން 22 މީޓަރަށް ވުރެ އުސްވެގެން ނުވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އިމާރާތްތަކުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން، އިމާރާތުގެ އުސްމިން 16.5 މީޓަރަށް ވުރެ އުސްވާ ނަމަ ލިފްޓް ހަރުކުރުން ވަނީ ލާޒިމްކޮށްފައެވެ. އަދި އާންމުކޮށް ދިރިއުޅުމަށް ބޭނުންކުރާ ބައިތަކުގެ ތަޅުމާއި ފަންގިފިލާ ދެމެދު މަދުވެގެން 2.7 މީޓަރު ހުންނަންޖެހޭނެއެވެ. ގަރާޖާއި ސްޓޯރޫމް ފަދަ ތަންތަނުގައިވެސް މަދުވެގެން 2.1 މީޓަރުގެ އުސްމިން ހުންނަންވާނެއެވެ.

ޓެރަސް މަތީގައި ހަދާ ސިޑިގޮޅިއާއި ލިފްޓް މެޝިން ރޫމްގެ އުސްމިނާ ގުޅޭގޮތުން ގަވާއިދުގައި ބުނެފައިވަނީ، ލިފްޓް ހުންނަ އިމާރާތްތަކުގައި އެ ބައިތައް އާންމުކޮށް 4 މީޓަރަށް އުސްކުރެވޭނެ ކަމަށެވެ. ނަމަވެސް ޚާއްސަ ހުއްދައެއްގެ ދަށުން އެންމެ އުސްވެގެން 7 މީޓަރަށް އެބައިތައް އުސްކުރެވިދާނެއެވެ. ލިފްޓް ނުލާ އިމާރާތްތަކުގައި ސިޑިގޮޅި އުސްކުރެވޭނީ 3 މީޓަރަށެވެ.

މި އާ ގަވާއިދު މިއަދު ޝާއިއުކޮށް އަމަލުކުރަން ފެށުމާއެކު، 2023 ވަނަ އަހަރުގެ "ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދު" ވަނީ އުވާލާފައި ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ. މި އާ އުސޫލުތަކުގެ ސަބަބުން ހުޅުމާލޭގެ މާސްޓަރ ޕްލޭން ތަންފީޒުކުރުން ހަރުދަނާވެ، މީހުން ދިރިއުޅޭ އިމާރާތްތައް ބިނާކުރުމުގައި ރޭވުންތެރި އަރބަން ސެންޓަރެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީވަމުންދާ ދިއުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.