މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުން 1 ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
އެ އިދާރާއިން ބުނީ ފާއިތުވެދިޔާ ހަފްތާގައި ސްކޭމްއާ ގުޅޭ 51 މައްސަލަ ހުށައަޅާފައިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާރިޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާ ހަމައަށް މުޅި ޖުމުލަ 51 މައްސަލައެއްވަނީ ހުށައަޅާފައިއެވެ. އެ މައްސަލަތަކުގައި 338،809.30 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އޭގެތެރެއިން އަނބުރާ ހޯދާފައިވަނީ 124،277.00 ރުފިޔާއެވެ.
މިދިޔަ ހަފްތާ ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން، އެންމެ ގިނައިން ހުށައަޅާފައިވަނީ އީ-ކޮމަރސް ނުވަތަ އޮންލައިން ވިޔާފަރިއާ ގުޅުން ހުރި މައްސަލަތަކެވެ. އެގޮތުން އީ-ކޮމަރސް ސްކޭމުގެ ގޮތުގައި މުޅި ޖުމުލަ 27 މައްސަލަ ހުށައަޅާފައިވާކަމަށް ވަނީ ފާހަގަކުރައްވާފައިވެއެވެ.
ސްކޭމުގެ މައްސަލަތަކުގެ ތެރޭގައި އިންޕަރސަނޭޝަން ނުވަތަ މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި، ތަފާތު ލިންކުތައް ފޮނުވައިގެން ފައިސާ ފޭރިގަތުމުގެ މައްސަލަތަކާ ފިޝިން އަދި ވިޝިންގެ ސްކޭމްތައް ހިމެނެއެވެ. އެގޮތުން، އިމްޕަރސެނޭޝަންގެ 10 މައްސަލައަކާ، ފައިސާ މާރުކުރުމާއި ގުޅުންހުރި 8 މައްސަލައިގެ އިތުރުން ސްކޭމާ ގުޅުންހުރި އެހެނިހެން 6 މައްސަލައެއް ހުށައަޅާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި ސްކޭމުގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ، އޮންލައިން މެސެޖިން މަންސާތަކާއި، އައިބޭ، ފޯނުކޯލާއި، އެކި ކަހަލަ ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސްއެވެ.
ސްކޭމުގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން، އެއްޗެއް އޮންލައިންކޮށް ގަތުމުގެކުރިން އެއީ އިތުބާރު ހިފޭ ތަނެއްތޯ ރަނގަޅަށް ކަށަވަރުކުރެއްވުމަށް އިލްތިމާސްކުރައްވާފައިވާއިރު، https://business.egov.mv/ މެދުވެރިކޮށް ވިޔަފާރިއެއްގެ ސައްޙަކަން ކަށަވަރުކުރެވޭނެކަމުގައި ބުނެފައިވެއެވެ. ހަމައެއާއެކު، ފައިސާ އަށް އެދި މެސެޖެއް އަތުވެއްޖެނަމަ، އެ ފަރާތަކަށް ގުޅުއްވައިގެން ޔަގީންކުރެއްވުމަށާއި، ޑޮލަރު މާރުކުރެއްވުމުގައި ހަމައެކަނި ލައިސަންސް އޮތް ތަންތަން ބޭނުންކުރެއްވުމަށް ސަމާލުކަން ދިނުމުގެ އިތުރުން ފޮނުވާ ލިންކުތަކަށް ސަމާލުވެލައްވުމަށްވަނީ އިލްތިމާސްކޮށްފައިއެވެ.
މީގެ އިތުރުން، ޒާތީ މަޢުލޫމާތު އެއްވެސް ގޮތަކަށް ޚިއްސާނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވެއެވެ. އަދި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ސްކޭމް ސެންޓަރުން ވަނީ ފާހަގަކުރައްވާފައެވެ.
ސްކޭމަރުންނަށް ފައިސާ ހޯދުމުގައި ކާމިޔާބުވަނީ އެފަދަ މައްސަލަތަކުގައި ހަނުހުރުމުންކަމަށާއި އެފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެކަމެއްކަމަށްވެސް އެސެންޓަރުން ބުނެފައިވެއެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުމުން، ނުވަތަ reportscam@police.gov.mv އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެއެވެ.