ގއ. މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ގއ. މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވްލޮމްމަންޓު ކޯޕަރޭޝަން، އާރްޑީސީއާއެވެ.
މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިމަޝްރޫޢު އާރްޑީސީއާއި ހަވާލުކުރައްވާފައިވަނީ 138.67 މިލިޔަން ރުފިޔާއަށެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރައްވާފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 11 މަގެއްގައި 5.47 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، މަގުތަކުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.