މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެސް، ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތިން ޓެކްސީ ލިބޭނެ ގޮތް ހަދައިފި އެވެ.
އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާރމިނަލް 2 ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދު ހެނދުނު 10.00 އިން ފެށިގެން، ޓަރމިނަލް 2 ގެ ކުރިމަތީގައިވާ ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
މި އިންތިޒާމުގެ ދަށުން ޓަރމިނަލް 2 ގެ އެރައިވަލްގެ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދެވެ. މި ސަރަހައްދުގައި ފަހަރަކު 4 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެ ކަމަށާ އަދި ޓަރމިނަލް 2 ގެ ޑިޕާޗަރ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ސަރަހައްދެއް ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މި ސަރަހައްދުގައި ފަހަރަކު 5 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައިވާނެކަމަށެވެ.
އެމްއޭސީއެލްއިން ބުނީ ގެނެވުނު ބަދަލަށް ހުރިހާ ފަރާތްތަކުން އަހުލުވެރިކޮށް ޓްރެފިކް ފްލޯ މެނޭޖްކުރުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާނެކަމަށެވެ.