ޓެކްސީ ލައިން އަށް ޕާޓްޓައިމް ޑްރައިވަރުން ހޯދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)ން އިއުލާނުކޮށްފިއެވެ.

އެމްޓީސީސީން ކޮށްފައިވާ އިއުލާނެއްގައި ބުނީ، މާލެ ޓެކްސީ ލައިންގެ ހިދުމަތާއި ގުޅުމަށް ބޭނުންވާ ޕާރޓް-ޓައިމް ޑްރައިވަރުންނަަށް ރަޖިސްޓަރި ވުމަށް މިހާރު ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި، ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވަނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް ލިންކް މެދުވެރިކޮށް ކަމަަށެވެ.

ޓެކްސީ ލައިނަށް ޕާޓްޓައިމްކޮށް އަދި ފުލް ޓައިމްކޮށްވެސް ޑްރާއިވަރުން ދަނީ ނަގަމުންނެވެ. ޓެކްސީލައިންގެ ހިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވާ ކަމަށް އެމްޓިސީން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

މި ހުރިހާ ޑްރއިވަރުންވެސް ނަގަމުންދަނީ ވޯކްއިން އިންޓަވިޔުތައް ބާއްވައިގެންނެވެ. އެގޮތުން މި ހަފްތާގެ ހޯމަދުވަހު ވެސް ވަނީ ވޯކިން އިންޓަވިޔުއެއް ބާއްވާފައެވެ.

ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ، %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތެކެވެ. މާލޭގައި ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ގެންނަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތައް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ. މި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ، އެކަމަށް ހާއްސަކޮށް އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.