ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރުމާ މެދު ނުތަނަވަސްކަމެއް އޮތްއިރު، އެއީ މި ދުވަސްވަރުގެ ގޮތުން ދިމާވެފައިވާ "ސިޔާސީ އޮއިވަރެއް"ގެ ގޮތުގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ހިރިމަރަދޫ މީހުން ބަދަލުކުރުމަކީ އެ މިނިސްޓްރީގެ އިހުތިސޯސްގައި ހިމެނިފައިވާ ކަމަކަށް ނުވި ނަމަވެސް ވަރަށް ގާތުން އެކަން ބަލަމުން އަންނަ ކަމަށެވެ.

ވަޒީރު ވިދާޅުވީ، އެކަން ހިގިއިރު ވަރަށް ގާތުން ހުރި މީހެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ވާހަކަ ދައްކާ މަޝްވަރާކުރެވުނު ކޮމިޔުނިޓީ ކޮންސަލްޓްއާއި ރައްޔިތުންނާ ބައިވެރިވެގެން މަސައްކަތް ކުރިއިރު އޭރުގައި އެ މައްސަލަތައް ފާހަގަކުރެވިފަނުވާ ކަމަށެވެ.

މިހާރު ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރުމާ މެދު އުފެދިފައިވާ ނުތަނަވަސްކަމަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރަށް ވާތީ ހިނގާ ސިޔާސީ ކަމެއް ކަމަށް އަޅުގަނޑުމެނަށް ގަބޫލުކުރެވެނީ. އެއީ ހައްލު ނުކުރެވޭ ވަރުގެ މައްސަލައަކަށް ނުވާނެ،

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

މީގެއިތުރުން، ދެ ރަށުގެ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް އެކަން ހައްލުކުރުމުގެ ވިސްނުން ދެ ރަށުގެ ރައްޔިތުންގެ ހުންނާނެ ކަމަށް ވަޒީރު ގަބޫލުކުރައްވައެވެ. އަދި، މީހުން ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމުން މައްސަލަތައް ވެސް ހައްލުވާނެ ކަމަށް އާދަމް ޝަރީފް ލަފާކުރެއްވިއެވެ.