ސަރުކާރުން ތަޢާރަފް ކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓުގައި ހިމެނޭ 60 ކާރު މާލެ ގެނެސްފައެވެ.
އެމްޓީސީސީން ބުނީ، ޓެކްސީ ލައިނަށް ބޭނުންވާ 150 ކާރުގެ ތެރެއިން 60 ކާރު މިހާރު މާލެ ގެނެސްފައިވާ ކަމަށާއި، މިމަހުގެ 29 ވަނަ ދުވަހު ކާރުތަކުގެ ދެވަނަ ޝިޕްމަންޓް ރާއްޖެ އަންނާނެ ކަމަށެވެ. އަދި ދެވަނަ ޝިޕްމަންޓުގައި ހިމެނެނީ 90 ކާރެވެ.
އެ ކުންފުނިން ބުނީ، މާލޭގައި ޓެކްސީ ލައިންގެ ހިދުމަތް ފެށުމުގެ މައިގަނޑު އަމާޒަކީ، ރައްޔިތުންނަށް ކުރިޔަށްވުރެ ބޮޑަށް ޓެކްސީ ހޯދަން ފަސޭހަކޮށްދިނުން ކަމަށާއި، އަދި ޓެކްސީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުން ކަމަށެވެ.
ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ، %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތެކެވެ. މާލޭގައި ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ގެންނަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތައް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ. މި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ، އެކަމަށް ހާއްސަކޮށް އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.