ތިމަރަފުށީގައި ފަޅުގެއެއްގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.
މިކަންހާމަކޮށް ފުލުހުން މިއަދު ބުނީ ތިމަރަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަޅުގެއެއްގައި ރައްކާކޮށްފައި ހުރި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ ތިމަރަފުށީ ފަޅު ގެއެއްގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ ގެ ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އަދި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެރަބަރު ކޮތަޅު ފެނިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 94.23 ގުރާމު ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.