ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖުކޮށް 35.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައު ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، (މެޓް އޮފީހު)ގެ ރެކޯޑްތަކުން ދައްކައިފި އެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހޫނު ގަދަ ދުވަސްކޮޅެކެވެ. އެގޮތުން ޖުމްލަ ގޮތެއްގައި ހުރިހާ ހިސާބެއްގައިވެސް އިހްސާސްކުރެވޭ ހޫނުމިން މިދުވަސްވަރު އުޅެނީ 35 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައެވެ.
އެގޮތުން މެޓް އޮފީހުން މިއަދު ހެނދުނު 11:00 ގައި އާންމުކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖުކޮށް 35.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ. އަދި އާންމު ހޫނުމިން ހުރީ އެވްރެޖުކޮށް 31.2 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ.
މިއަދު ހެނދުނު 11:00 ގައި އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ދިޔައީ މާލޭގެ ސަރަހައްދަށެވެ. އެއީ 36.8 ޑިގްރީ ސެލްސިއަސް އަށެވެ.
އިހްސާސްކުރެވޭ ހޫނުމިން މައްޗަށްދާތީވެ، އެކަމުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓަކްޝަން އޭޖެންސީ، އެޗްޕީއޭއިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ހޫނު އެންމެ ގަދަވާ ގަޑިތަކުގައި ބޭރަށް ނުނިކުތުމާއި، ބޭރަށް ނިކުންނަ ނަމަ އެކަށީގެންވާ ހެދުމެއް ލުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބުއިމަށް ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ބޮލުގައި ރިއްސައި، ވަރުދެރަވާނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭއިން ވަނީ ލަފާދީފައެވެ.
ކޮންމެ ދުވަހެއްގެވެސް އެންމެ ހޫނު ގަދަ ގަޑިތަކެއްގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކޮށްފައިވަނީ ހެނދުނު 10 އަކުން ފެށިގެން ހަވީރު 4 ޖެހުމާ ހަމަޔަށެވެ.