ރާއްޖޭގެ 19 އަތޮޅެއްގައި ޖުމްލަ 19 ޕަބްލިކް ވަރކްސް ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް އިދާރީ ދާއިރާތަކުގެ ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން، އެ އިދާރާތަކުގައި ދެން ޤާއިމުކުރާނީ އެލްޖީއޭގެ އޮފީސްތަކެއް ކަމަށާއި އޮފީސްތައް އުވާލިނަމަވެސް، އޮފީހުގެ ޚިދުމަތްތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އަދި ޕަބްލިކް ވަރކް ޔުނިޓްތައް 19 ރަށެއްގައި ޤާއިމުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ެެއެގޮތުން ޕަބްލިކް ވާކްސް ޔުނިޓްތައް ގާއިމުކުރާ ރަށްތަކަކީ :

ހއ. ދިއްދޫ

ށ. ފުނަދޫ

ށ. މިލަންދޫ

ނ. މަނަދޫ

ރ. މާކުރަތު

ބ. އޭދަފުށި

ޅ. ނައިފަރު

ކ. ތުލުސްދޫ

އއ. ރަސްދޫ

އދ. މަހިބަދޫ

އދ. މާމިގިލި

ވ. ފެލިދޫ

މ. މުލި

ފ. ނިލަންދޫ

ދ. ކުޑަހުވަދޫ

ތ. ވޭމަންޑޫ

ތ. ވިލުފުށި

ލ. ގަން

ގއ. ވިލިނގިލި

ވަޒީރު ވިދާޅުވީ ޕަބްލިކް ވޯކްސް ޔުނިޓްތައް ހަދާ ރަށްތަކުގައި މިކަމަށް ބޭނުންވާ އިދާރީ އިމާރާތާއި އަދި ހެވީ ވެހިކަލްތަކާއި މެޝިނަރީ ބެހެއްޓުމަށް ބޭނުންވާ ބިންތައް މިހާރު ހުރިހާ ރަށެއްގައިވެސް ހަމަޖެހިފައިވާ ކަމަށެވެ.

ހަމައެހެންމެ އެ ޔުނިޓްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައި ވާއިރު އެ 19 ޕަބްލިކް ވަރކްސް ޔުނިޓަށް 456 މުވައްޒަފުން އަދި 4 މޯބައިލް ޔުނިޓަށް 60 މުވައްޒަފުންނާއެކު ޖުމްލަ 516 މުވައްޒަފުން ހޯދުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ ތެރެއިން 141 މަޤާމެއް މިހާތަނަށް އެޕްރޫވްވެފައިވާއިރު، ހއ. ދިއްދޫ، ނ. މަނަދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، ތ. ވޭމަންޑޫ އަދި ގއ. ވިލިނގިލީގެ ޔުނިޓްތަކަށް ބޭނުންވާ ގިނަ މަޤާމުތަކެއް ފިނޭންސް މިނިސްޓްރީން ވަނީ އެޕްރޫވްކޮށްފައެވެ.

މީގެ އިތުރުން އިދާރީ ސެޓަޕް ގާއިމުކުރުމުގެ ގޮތުން އޮފީސް އިމާރާތާއި ގަރާޖު ފަދަ ތަންތަން ހެދުމަށް ބޭނުންވާ ބަޖެޓު މިހާރު ވަނީ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައެވެ.

މި މަޝްރޫޢުގެ ދަށުން ޔުނިޓްތަކަށް ބޭނުންވާ ބަރު މެޝިނަރީޒް ހޯދުމަށް ޖުމްލަ 9،130،173.36 ޔޫ.އެސް ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކުރެވެއެވެ. މީގެ ތެރޭގައި އެކްސްކަވޭޓަރ، ލޯޑަރ، ގްރޭޑަރ، ކޮމްޕެކްޓަރ، ޑަމްޕްލޮރީ، ކޮމްޕްރެސަރ އަދި ވެލްޑިންގ ޕްލާންޓް ފަދަ ތަކެތި ހިމެނެއެވެ.