ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން މީހަކު ހުއްޓުވައި ބަލައިފާސްކޮށް، ޖޫރިމަނާކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އޭނާ ބަލައިފާސްކޮށްފައި ވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

އެގޮތުން ކްރައިމް އިންޓެލިޖެންސާއި ހުޅުމާލެ ފޭސް 1 ގެ ސްޕެޝަލް އެންފޯސްމަންޓް ޓީމު ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1ގެ ޗަނބޭލީ މަގުން ދެމީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕްއާއި 571 ވޭޕް ކާޓްރިޖު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި މި މައްސަލައާ ގުޅިގެން ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި އޭނާވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.