މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި އެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީ (ސެގްމަންޓް 2 އިން ސެގްމަންޓް 5) ގެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލާއި މަސްވެރިން ޕާކާއި ދެމެދު އޮންނަ ޖެޓީ ސަރަހައްދުގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށްގެންދާ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާއި ހަމައަށެވެ.
އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ފޭސް1ގެ ބާކީ ހިމެނޭ 4 ސެގްމަންޓްގެ އަމަލީ މަސައްކަތުގެ ތެރެއިން 700 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 610 މީޓަރުގެ އެއްގަމު ތޮށި ތަރައްގީކޮށް، މަގުގެ ޖާގަ ބޮޑުކުރުމަށް މަގު އިތުރަށް ފުޅާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، އިއްޔެއިން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ލަފާފުރާ އަތޮޅު ފެރީތައް މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލުން ލަފާފުރާގޮތަށް ވަނީ ބަދަލުކޮށްފައެވެ.
މި ސެގްމެންޓުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ނިމުނު ދެ ސެގްމަންޓްގެ މަސައްކަތްވެސް ކުރިއަށް ގެންދިޔަ ފަރުމާއަށްކަމަށް އެމްޓީސީސީން ބުނެއެވެ.
މަގު ހެދުމުގެ ފޭސް1ގައި ހިމެނޭ 4 ސެގްމެންޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތާރުއަޅާ ތަރައްގީ ކުރުމުގެ އިތުރުން، އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ގާއިމްކޮށް، ޕޭމަންޓު ހަދައި، ލައިޓް ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ.
މަގުގެ މަސައްކަތް ކުރި ނަމަވެސް، މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމަށް ހަމަޖެހިފައެއްނުވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފޭސް 1 ގައި ހިމެނެނީ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. މީގެތެރެއިން ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާހަމައަށް ހިމެނޭ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މިދިޔަ ޑިސެންބަރުމަހުގެ 8 ވަނަ ދުވަހުވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށެވެ. އަދި އެއޯ 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.