ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ މަޝްރޫޢު ކަމުގައިވާ ފްލޯޓިން ސޯލަރ މަޝްރޫޢު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ މިމަޝްޜޫޢުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ޤާއިމްކުރާ ސޯލާ ސިޓީ އަކީ ސަރުކާރުގެ އެސްއީޒެޑް މަޝްރުޢޫތަކުގެ ތެރެއިން ފުރަތަމަ މަޝްރޫޢުއެވެ. ސޯލާ ސިޓީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، މާލެ ސަރަހައްދުގައި ކުޑަބަނޑޮހުގެ އިރުން އޮތް ސަރަހައްދުގައެވެ.

މި ސިސްޓަމަކީ ޔޫޓިލިޓީ ސްކޭލް ސިސްޓަމެއް. ރާއްޖޭގައި މިހާރުވެސް ކަރަންޓު އުފައްދަނީ ވަރަށް ބޮޑު ސަބްސިޑީ ދީގެން. މި ޕްރޮޖެކްޓުގެ ސަބަބުން އެނާޖީ ސެކިއުރީޓީ ލިބިގެންދާނެ. މިވަގުތު މާލޭގައި ލޯޑަކީ 120 މެގަވޯޓު ގާތްގަޑަކަށް. އެ މައްޗަށް އަރަމުން މިދަނީ. މިކަހަލަ ސިސްޓަމެއްގައި ވަރަށް ބޮޑަށް އެނާޖީ ސެކިއުރިޓީ އިތުރުވެގެންދާނެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް

މި މަޝްރޫޢުއަކީ ރާއްޖޭގައި އިންވެސްޓް ބޭރުގެ ފަރާތަކުން އިންވެސްޓްކޮށްގެން ހިންގާ މަޝްރޫޢުއެއް ކަމުން، މަޝްރޫޢުގެ ތެރެއިން އުފައްދާ ކަރަންޓު ޕަވަރ ޕާޗޭޒިން އެގްރިމެންޓެއްގެ ދަށުން ސްޓެލްކޯއަށް ގަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު އެގްރިމެންޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މަސައްކަތް 2 އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ އިތުރުންވެސް ރާއްޖޭގެ އެހެން ރަށްތަކުގައި ސޯލަރ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާރުވެސް ބައެއް ރަށްތަކުން ސޯލާ ނިޒާމު ޤާއިމްކުރުމަށް ޖާގަ ނުލިބޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެކަމަށް ހައްލު ހޯދުމަށް ރަށްތަކުގައި ސޯލަރ ނިޒާމު ޤާއިމް ކުރުމުގެ ފުރުސަތުވެސް އޮތް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ 2028 ނިޔަލަށް ރާއްޖޭގެ އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމެވެ.