ދިވެހި ފުލުހުންގެ ޚިދުމަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އެ ޚިދުމަތުގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމު އަދާކުރައްވާފައިވާ ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އަބްދުއްޝަކޫރު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވައި، އެ ދެ މުއައްސަސާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ހިތާމައިގެ މި ވަގުތު، އެ ޢާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތަޢުޒިޔާ ދަންނަވާ ކަން ހާމަކުރައްވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުއްޝަކޫރު ޢަބްދުﷲ ލެހެއްޓެވުން އެދި ހެޔޮ ދުޢާކުރާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޢަބްދުއްޝަކޫރު އަވަހާރަވީ މިއަދު ހެނދުނު 10:15 ހާއިރު އިންޑިޔާގައެވެ. އުމުރުން 75 އަހަރުގައި ޝަކޫރު އަވަހާރަވީ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އާއިލާއިން އަންނަނީ ޝަކޫރުގެ ހަށިގަނޑު ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންނެވެ.
ޢަބްދުއްޝަކޫރު ސިފައިންގެއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކަށް 8 ކުލައާއި، 8 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚުލާޤީ ކުލަ ދެފަހަރަށް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލްއާއި ސައްތައިގެ މެޑެލް އަދި ފުލުހުންގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެލްވެސް ހިމެނެއެވެ.
ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށްފަހު ޝަކޫރު ރިޓަޔާކުރެއްވީ މާޗު 5، 2009 ގައެވެ.