އަންނަ މަހު ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް "ސިޔާސާތު ޚާއްސަ"ގެ ނަމުގައި ޚާއްސަ ޢިލްމީ ފޯރަމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މި ފޯރަމަކީ ޕޮލިސީ އެމްވީން އިސް ނަގައިގެން ޤާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިސްލާޙުގެ ސަބަބުން ދައުލަތަށް އަދި ޤައުމަށް އަންނާނީ ކޮންކަހަލަ ބަދަލެއްތޯ ކުރެވޭ ސުވާލާގުޅޭ ގޮތުން ޢިލްމީ އަދި ފަންނީ މަޢުލޫމާތު ޢާންމުކޮށް ފޯރުކޮށްދިނުމުގެގޮތުން، ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުން ހިމަނައިގެން ކުރިއަށްގެންދާ ފޯރަމެކެވެ.
މި ފޯރަމުގައި ޤާނޫނީ އަދި ދުސްތޫރީ ނަޒަރިއްޔާތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާ ސުވާލަށް ބަލާލައި، މައުލޫމާތު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މައުޟޫއަށް ފޯރަމުގައި މައުލުމާތު ހިއްސާކުރައްވާނީ ޤާނޫނީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ދެ ބޭފުޅުން ކަމަށްވާ، އަލްއުސްތާޛާ ދިޔާނާ ސަޢީދާއި އަލްއުސްތާޛް އަލީ ހުސައިނެވެ.
ފޯރަމުގައި މާލީ ނިޒާމާއި ދައުލަތް ހިންގުމުގެ ރޮނގުން މައުލޫމާތު ހިއްސާކުރައްވާނީ ދައުލަތުގެ ކުރީގެ ބަންޑާރަނައިބުކަން ކުރައްވާފައިވާ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރާއި އަޙްމަދު މުޙަންމަދެވެ.
މީގެ އިތުރުން މި ފޯރަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހުށަހަޅާފައިވާ ސުވާލާ ގުޅޭގޮތުން ދެ ޖީލެއްގެ ޚިޔާލުވެސް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އިސްރަށްވެއްސެއްގެ ވިސްނުން އިބްރާހިމް އިސްމާޢިލް އަލީ މެދުވެރިކޮށް ގެނައުމަށް ހަމަޖެހިފައިވާއިރު ޒުވާނެއްގެ ވިސްނުން އަލްއުސްތާޛާ ފާތިމަތު އީމާ ހުސައިން މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.