ތަކެތީގެ އަގު ބޮޑުވުމަކީ އެއްވެސް އިރެއްގައި ސަރުކާރުން ބޭނުންވާނެ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެޔޮ އެތެރެކުރުމުގެ މަސައްކަތްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލާއި ކާބޯތަކެތި ލިބޭނެކަން ކަށަވަރުކުރުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ރިޕީޓެޑްލީ މި ދަންނަވަނީ މި ތަކެތި ހުސްވިޔަނުދީ ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުން. ދިވެހިރާއްޖޭގައި ހުންނާނެކަން މި ކަށަވަރު ކުރަނީ.. އެއްވެސް އިރެއްގައި އަޅުގަނޑުމެން ބޭނުންވާނެކަމެއް ނޫން އެއީ ތަކެތީ އަގު ބޮޑުވުން" މިނިސްޓާރ ސައީދު

ބައިނަލްއަޤުވާމީ ދުނިޔެއަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު، އެއްވެސް އިސްތިސްނާއެއް ނެތް ގޮތަށް ހުރިހާ ޤައުމަކަށްވެސް ކުރާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ހިނގާ ކަންތައްތަކާ ގުޅިގެން ބައެއް ފަހަރު އަގުތަކަށް ބަދަލު އައި ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ތަކެތި ހުސްވިޔަނުދީ ފޯރުކޮށްދިނުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

މިނިސްޓަރު ވަނީ ތަކެތި ލިބުމުގައި ދަތިކަމެއް ނާންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

" މަސައްކަތް މިކުރާނީ ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެއްޗާއި މުދަލާއި ކާބޯތަކެތި ލިބނުން ކަށަވަރުކުރުން. ބައިނަލްގްވާމީ ދުނިޔޭގައި ދުނިޔަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ކޮންމެ ގައުމަކަށް ވެސް އަންނެކަމަށާއި އެއީ ވަކި ގައުމެއް އިސްތިސްނާ ވާކަމެއް ނޫން" މިނިސްޓަރ ސައީދު

މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެ، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލާއި މުދަލުގެ އަގުތަކަށް ބަދަލު އަންނަމުންދާއިރު، ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވާތީ މިފަދަ ބަދަލުތަކުގެ އަސަރު ރާއްޖޭގެ ބާޒާރަށް ކުރުމުގެ ފުރުޞަތު އޮވެއެވެ. ނަމަވެސް ސަރުކާރުން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެސްޓީއޯ މެދުވެރިކޮށް އަސާސީ މުދާ އެތެރެކުރުމުގެ އިންތިޒާމުތައް ވަރުގަދަކޮށްފައެވެ.