ބަލީގެ ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަޚުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަސް ފާހަގަކުރަމުންދާއިރު، މިއީ ރައްކާތެރިވެވިދާނެ އަދި ފަރުވާކޮށްގެން ރަނގަޅުކުރެވޭ ބައްޔަކަށް ވީނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިޔަން ބަޔަކަށް މިބަލީގެ ނުރައްކާ އަދިވެސް ކުރިމަތިވަމުންދާ ކަމަށެވެ.

އެހެންކަމުން މި ބަލި ނައްތާލުމަށްޓަކައި ހަރުދަނާ ޞިއްޙީ ނިޒާމެއް މުހިންމުކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އަދި މި ބަލި އަވަހަށް ދެނެގަތުމަށް މުޖުތަމައުގެ ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށާއި ޓީބީ ބަލި އަވަހަށް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޓެސްޓުތަކާއި ފަރުވާ ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމުގެ އިތުރުން، ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ބޭނުންވާ އަޅާލުން ފޯރުކޮށްދިނުމުގައި ރާއްޖެއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޓީބީން ސަލާމަތްވެފައިވާ މުސްތަގުބަލަކަށް ވާސިލުވުމަށްޓަކައި، ޞިއްޙީ ޚިދުމަތްތެރިންނާއި މުޖުތަމަޢު ގުޅިގެން، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ އަޒުމް ކަނޑައަޅަންޖެހޭކަމަށްވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 24 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައެވެ.