ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާ ތާރީހު އަންނަ އެޕްރީލް މަހުގެ 1ވަނަ ދުވަހަށް ލަސްކޮށްފިއެވެ.
ގެދޮރުވެރި ކަމާބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ފުލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީހު އަންނަ އެޕްރީލް މަހުގެ 1ވަނަ ދުވަހުގެ ހެނދުނު 11:00އަށް ލަސްކޮށްފައިވާ ކަމަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާ ތާރީހު ލަސްކޮށްފައިވާ ސަބަބު އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް އެދި ހުށަހެޅޭނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހަކަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅޭނެއެވެ.
މީގެ އިތުރުން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި ކެޓަގަރީން ފުލެޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު ގެޒެޓު ކޮށްފައިވާ އިއުލާނުގެ ޖަދުވަލުގައި ހިމެނިފައިވާނެ ކަމަށާއި މީގެ ބޭނުމަކީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދީ، އެފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.
މި ކެޓަގަރީއަށް 100 ފްލެޓް ވަނީ ހާއްސަކޮށްފައެވެ. އަދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ،https://boahiyaavahikan.housing.gov.mvޕޯޓަލް މެދުވެރިކޮށް ކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސް ފްލެޓަށް އެދި ހުށަހެޅުމަށް މީގެ ކުރިން ހުޅުވާލުމަށް ނިންމާފައިވަނީ، މި ހިނގާ މާރިޗު މަހުގެ 24ގައެވެ.