ތިނަދޫ ސިޓީ މަގު ހެދުމުގެ 3 ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ތިނަދޫ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މަގު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަލްސަން އަހްމަދު، ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވެސް ބައިވެރިވެވަޑައިގަތެވެ.

ތިނަދޫ މަގު ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހުއެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން، ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖައްސާފައިވެއެވެ. އަދި މަގުތަކުގައި ތާރު އަޅައި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ 341 މިލިޔަން ރުފިޔާގެ މަޝްރޫއަކަށްވީއިރު، މަސައްކަތް ހަވާލުކޮށްފައިވަނީ 1440 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ކޮށްފައިވަނީ އާރްޑީސީންއެވެ. މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ތިނަދޫގެ ޖުމްލަ 14 މަގެއްގައި ތާރު އަޅާ ވަނީ ތަރައްގީކޮޮށްފައެވެ.

ސިޓީ ތަކުގެ ހުރިޙައި މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އާބާދީ ބޮޑެތި ސަރަހައްދުތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެއެވެ.