އަންނަ އޭޕްރިލް މަހުން ފެށިގެން ކުޅުދުއްފުށީގައި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފައްދަން ތައްޔާރުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ދުނިޔޭގެ ފެނުގެ ދުވަހާގުޅިގެން އެމްޑަބްލިޔުއެސްސީގެ އެމްޑީ އަބްދުލް މަތީން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ެެެެއެ ޕޯސްޓުގައި މަތީން ވިދާޅުވީ ފެނުގެ ޚިދުމަތުގެ ރައްކާތެރިކަން ޔަޤީންކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ ބައެއް ޚާއްސަ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަ ކުރައްވާ ކަމަށެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ޤުދުރަތީ ކާރިސާ ތަކާއި ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކާ ހަނގުރާމާއިގެ ސަބަބުން ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައިވެސް ފެނުގެ ޚިދުމަތް ރައްޔިތުންނަށް ކަށަވަރުވާނޭ ގޮތަކަށް ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންކުރެވޭނޭހެން ފެނުގެ ނިޒާމުތައް ފަރުމާކޮށް ޤާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެ ސިޔާސަތެއް ކަމަށް މަތީން ވަނީ ވިދާޅުވެފައެވެ.
މިގޮތުން ޑީސަލް ބޭނުންނުކޮށް ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު ޤާއިމު ކުރުމަށް 2025 ވަނަ އަހަރު ހދ.ކުޅުދުއްފުށީގައި އެމްޑަބްލިޔުއެސްސީން ފެށި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވާކަމަށް މަތީން ވަނީ ވިދާޅުވެފައެވެ.
އަދި މިހާރު ކުރިޔަށް ގެންދެވޭ ޓެސްޓިން މަރުހަލާ ނިމުމަށްފަހު އެޕްރީލްމަހުން ފެށިގެން ހދ.ކުޅުދުއްފުށީގައި ޑީސަލްއާއި ނުލާ މުޅި ރަށަށް ބޭނުންވާ ވަރަށް ފެންއުފެއްދުމުގެ ޤާބިލުކަން ލިބިގެން ދާނެ ކަމަށް މަތީން ވިދާޅުވިއެވެ.
މިއާއެކު ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމުގެ އައު ބާބެއް ފެށިގެން ދާނެ ކަމަށް މަތީން ވިދާޅުވިއެވެ.
މީގެ އިތުރުން މަތީން ވިދާޅުވީ މިއީ ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެ ކުރާ ދަތުރުގައި ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމަށާއި މި ކާމިޔާބީއަށް ވާސިލްވުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާ އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.