ސަރުކާރުން ތައާރަފްކުރާ "މާލެ ޓެކްސީ" ލައިންއަށް ހާއްސަ ހޮޓްލައިނެއް ކަނޑައަޅައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޓެކްސީ ލައިންގެ ހާއްސަ ހޮޓްލައިންއަކަށް 1655 ކަނޑައަޅާފައިވާ ކަމަށެވެ.
މިއީ ޓެކްސީ ލައިނާ ގުޅޭ މައުލޫމާތުތައް ދިނުމަށް ހާއްސަކޮށްފައިވާ ހޮޓްލައިނެއް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
ޕްރައިވެޓް އެހެން ޓެކްސީ އެޕްތަކެކޭ އެއްފަދައިން، ސަރުކާރުންވެސް މި ހިދުމަތް ދޭން ނިންމާފައި ވަނީ އެޕްލިކޭޝަންއެއް މެދުވެރިށެވެ. އެގޮތުން އެމްޓީސީސީގެ ހާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީ ބުކް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
މި ހިދުމަތުގައި ބޭނުން ކުރާ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ޗާޖް ކުރުމަށް ހާއްސަ އީވީ ސްޓޭޝަންތައް މިހާރުވަނީ ތައްޔާރުކޮށްފައެވެ. ސަރުކާރުން ތައާރަފްކުރާ މި ޓެކްސީ ލައިނުން ހިދުމަތް ދެމުންދާނީ އިލެކްޓްރޯނިކް ވެހިކަލްތައް ބޭނުންކޮށްގެންނެވެ.
މީގެ އިތުރުން ކަރަންޓު އުޅަނދުތަކުގައި ފެހި ކުލައިގެ ނަމްބަރު ބޯޑު ބޭނުންކުރާ ގޮތަށް ގަވާއިދަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވަނީ އިސްލާހު ގެނެސްފައެވެ.
ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް އެމްޓީސީސީން ކުރިއަށްގެންދަނީ ވޯކް-އިން-އިންޓަވިއުއެކެވެ. ފުރަތަމަ އިންޓަވިއު މިދިޔަ ޖަނަވަރީމަހު ކުރިއަށް ގެންގޮސް، އެ އިންޓަވިއުގައި 250 މީހުން ބައިވެރިވެފައިވާއިރު މިއަދު ހެނދުނު 10:00އިން ހަވީރު 16:00އާ ހަމައަށްވެސް މާފަންނު ބަސްޓަމިނަލްގައި ވޯކްއިން އިންޓަވިއު އެއް ވަނި ކުރިއަށް ގެންގޮސްފައެވެ.
ޓެކްސީލައިންގެ ހިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.
މި ހިދުމަތް ދޭން ހަމަޖެހިފައިވަނީ، މިކަމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާއާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ. ސަރުކާރުން ޓެކްސީލައިނެއް ތަޢާރަފުކުރަން ނިންމީ، ޓެކްސީ ހޯދުމުގައި އާއްމުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ހިދުމަތަކަށް އެހިދުމަތް ހެދުމަށެވެ. ސަރުކާރުގެ ޓެކްސީ ލައިންގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތެކެވެ.
ސަރުކާރުގެ ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.