ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސް އިންނެވެ.

މޯލްޑިވް ގޭސް އިން ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފައި މި ވަނީ މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން މިދިޔަ ދުވަސްތަކުގައި މޯލްޑިވްސް ގޭސް އިން 10 ކިލޯގެ ގޭސް ފުޅި ވިއްކުން ހުއްޓާލައި، ފަސް ކިލޯގެ ގޭސް ފުޅި ވިއްކުމަށްފަހުއެވެ.

އެގޮތުން މޯލްޑިވްސް ގޭސް އިން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައި ބުނީ، ގޭހުގެ އައު ޝިޕްމަންޓެއް ލިބިފައިވާތީ ކުރިން އޮތް ގޮތަށް 10 ކިލޯގެ ގޭސް ފުޅި މިހާރު ލިބެން ހުންނާނެ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުން ހަމަލާ ދޭން ފެށުމާއެކު މެދުއިރުމަތީގެ ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.

މިގޮތުން މެދުއިރުމަތިން ތެޔޮ ސަޕްލައި ކުރަން ބޭނުންކުރާ ހޮރްމުޒް ކަނޑުއޮޅި ވެސް އީރާނުން ވަނީ ބަންދުކޮށްފަ އެވެ. އެކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެެ އަގު އުފުލެން ފަށާފައިވާއިރު، ކައްކާ ގޭސް ލިބުން ވެސް ވަނީ ދަތިވެފައެވެ.

މިކަން ދުވަސްތަކަކަށް ދެމިގެން ދާނަމަ ތެލުގެ އަގާއެކު އެހެނިހެން ޚިދުމަތްތަކާއި ކާބޯތަކެތީގެ އަގުވެސް އުފުލޭނެއެވެ.