ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ޖާގަލިބި ދޫކޮށްލަންޖެހޭ ބިންކޮޅު ދައުލަތަށް ދޫކޮށްލަން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ޖާގަލިބި ދޫކޮށްލަންޖެހޭ ބިންކޮޅު ދައުލަތަށް ދޫކޮށްލަން ނުޖެހޭގޮތަށް ބޯހިޔާވަހިކަމުގެ އުސޫލު ބަދަލުކުރައްވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، ބޯހިޔާވަހިކަމުގެ ސްކީމުން އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި އެކަން މިއަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ޖާގަލިބި ދޫކޮށްލަންޖެހޭ ބިންކޮޅާއިބެހޭ ތަފްސީލުތައް މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި ގެޒެޓުކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ފަރާތްތަކާއި މިދިޔަ ސަރުކާރުން ފެށިގެން އައިސް މި ސަރުކާރުގައި ފްލެޓް ހަވާލުކުރެވުނު ފަރާތްތަކަށްވެސް މި އުސޫލު ހިނގާނެ ކަމަށެވެ.
މީގެއިތުރުން ރައީސް ވަނީ ސަރުކާރަށް ތަން ހަވާލުކުރަން ޖެހޭނެ ހާލަތްތައްވެސް ފާހަގުރައްވާފައެވެ.
ރައީސް ވިދާޅުވީ ގާނޫނީ ގޮތުން އަމިއްލަ ނަމުގައި ދެ ތަނެއް ނުބޭއްވޭނެ ކަމަށާއި އެހެން ކަން އޮތުމުން ބަދަލު ގެނެސްފައިވާ މިންގަނޑުގެ ތެރެއިން އާއިލާގެ ފަރާތަކަށް ދޫކޮށްލާގޮތަށް ބަދަލު ކުރެވޭނެ ކަމަށެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަތުރުފުޅެއް ކުރައްވަން ޖެހިވަޑައިގަތުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަމަށް ވިދާޅުވެފައެވެ. މިއީ، މިގޮތުން ބޭއްވެވި ދެވަނަ ބައްދަލުކުރެއްވުމެވެ.