މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާއި ގުޅިގެން އަސާސީ ކާބޯތަކެތި ލިބުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ އަސާސީ ކާބޯތަކެއްޗަށް ބަލާއިރު އެކަން އޮތީ ހަނގުރާމައިގެ ކުރިން ވެސް އޮތް ހާލަތުގައި ކަމަށާއި ރާއްޖޭގައި ހަނޑޫ ހަކުރު އަދި ފުށް ލިބުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ނެތި ކުރިން ވެސް ހުރި އަދަދަށް އަބަދުވެސް ގެނެވި ސްޓޮކް މެއިންޓެއިން ކުރެވެމުންދާ ކަމަށެވެ

އަދި ކާބޯތަކެތީގެ އަގުވެސް މައްޗަށް ނުދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ތެލުގެ އަގު ދަނީ ކުޑަވެ ބޮޑުވަމުން މި ހަނގުރާމައިގެ ތެރޭގައި. ކޮންމެ ދުވަހަކު ވެސް ތަފާތުތަކެއް އެބަ އާދޭ. އޭގެ ސަބަބުން އަންނާނެ ލޮޅުންތައް ވަރަށް ރަނގަޅަށް މި ދަނީ ބަލަމުން. އާންމު ރައްޔިތުންނަށް ވީހާވެސް ކުޑަކޮށް އިމްޕެކްޓް އަންނާނެ ގޮތަކަށް ސަރުކާރުން މިކަން މެނޭޖްކުރުމުގެ މަސައްކަތްތަކެއް އިރާދަކުރެއްވީތީ އަދި މި ސެކްޓާގައި ތެލާއި ބެހޭ ވިޔަފާރީގައި އުޅޭ ޕްރައިވެޓް ސެކްޓާ ވެސް ބައިވެރިވާ ގޮތަށް ވީހާ ވެސް ރާއްޖޭގެ އިގްތިސޯދަށް ވީހާ ވެސް ރަނގަޅު ގޮތެއްގައި ދެމެހެއްޓޭނެ ގޮތަކަށް މި ގެންދަނީ ތެލުގެ ކަންތައްތައް ވެސް ބަލަހައްޓަމުން." ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ މި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތަކާއި ގުޅޭގޮތުން ވަރަށް ގާތުން ހުރިހާ ކަމަކަށް އެޑްރެސް ކުރަމުންދާ ކަމަށާއި އަދި އަޅަން ޖެހޭ ފިޔަވަޅުތައް ގެންދާނީ އަޅަމުން ކަމަށް ރައީސް ވިދާޅުވިއެވެ.