އިޒްރޭލާއި އެމެރިކާ އިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިއްޖެއެވެ.
މިގޮތަށް އެދިވަޑައިގެންފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައެވެ.
އެގޮތުން އެ ސިޓީގައި މެންބަރު މުޙައްމަދު އިބްރާހިމް ވިދާޅުވެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ދިވެހިރާއްޖެއަށް މިހާރުވެސް ކުރިމަތިވާން ފަށާފައިވާ ކަމަށާއި ރާއްޖޭގެ މިހާރުގެ މާލީ ހާލަތާއި، ތެލާއި، ކާބޯތަކެއްޗާއި، ބޭސް ފަދަ އަސާސީ ތަކެތި ހޯދުމަށް ކުރަންޖެހޭ ހޭދަތަކަށް ބަލާއިރު، މިއީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ހާލަތެއް ކަމަށެވެ.
ހަމައެހެންމެ ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު 112 ޑޮލަރަށް އުފުލިފައިވާކަން ހާމަކުރައްވާ ރާއްޖެއަށް ކޮންމެ މަހަކު އެވްރެޖްކޮށް 330،000 ފީފާގެ ތެޔޮ ބޭނުންވާ ކަމަށާއި، ހަނގުރާމަ ފެށުމުގެ ކުރިން ތެޔޮ ގަތުމަށް މަހަކު 30 މިލިއަން ޑޮލަރު ހޭދަވި ނަމަވެސް، މިހާރު އެ އަދަދު 50 އާއި 60 މިލިއަން ޑޮލަރާ ދެމެދުގެ މިންވަރަކަށް އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެންބަރު ވަނީ ވިދާޅުވެފައެވެ.
އެ ސިޓީގައި މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވީ އަސާސީ ތަކެއްޗާއެކު ޖުމްލަ އިމްޕޯޓަށް ކޮންމެ މަހަކު މަދުވެގެން 100 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.
ހަމައެއާއެކު ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އަރައި، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބުކިންތައް ކެންސަލްވަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށްވެސް މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 240 މިލިއަން ޑޮލަރު ކަމަށްވާއިރު، މިއީ އެންމެ ދެމަހާއި ބަޔަށް ބޭނުންވާނެ ފައިސާ ކަމަށް އެ ސިޓީގައި މެންބަރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޤައުމުގެ ހާލަތަށް ތައްޔާރުވުމާއި، ކަމާބެހޭ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމަކީ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުން ހަމަލާ ދޭން ފެށުމާއެކު މެދުއިރުމަތީގެ ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.
މިގޮތުން މެދުއިރުމަތިން ތެޔޮ ސަޕްލައި ކުރަން ބޭނުންކުރާ ހޮރްމުޒް ކަނޑުއޮޅި ވެސް އީރާނުން ވަނީ ބަންދުކޮށްފަ އެވެ. އެކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެެ އަގު އުފުލެން ފަށާފައިވާއިރު،މިކަން ދުވަސްތަކަކަށް ދެމިގެން ދާނަމަ ތެލުގެ އަގާއެކު އެހެނިހެން ޚިދުމަތްތަކާއި ކާބޯތަކެތީގެ އަގުވެސް އުފުލޭނެއެވެ.