ލަންކާގެ އިތުރު ހޮސްޕިޓަލަކުން އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.
މި ޚިދުމަތް އަލަށް ދޭން ފަށާފައިވަނީ ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުންނެވެ.
އެގޮތުން މިދިޔަ މަހުން ފެށިގެން އާސަންދައިގެ ދަށުން ބަލިމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ވަނީ ރަސްމީކޮށް ފަށާފައި ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.
އާސަންދައިގެ ޚިދުމަތް ކިންގްސް ހޮސްޕިޓަލުން ފުޅާކޮށްފައި މި ވަނީ، ދިވެހިންގެ މެދުގައި މަގުބޫލު ލަންކާ ހޮސްޕިޓަލުން އާސަންދަ ދިނުން ދާދި ފަހުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާގުޅިގެން އާސަންދަ ކުންފުނިން އޭރު ބުނީ އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު، ދެ ފަރާތުން ހުށަހެޅި ކަންކަމަށް އެއްބަސްނުވެވިގެން އެއްބަސްވުން އާނުކުރެވުނީ ކަމަށެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ލަންކާގައި ހުންނަ، ލަންކާ ހޮސްޕިޓަލުން އޭރު އާސަންދަ މެދުކަނޑާލުމާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ގިނަ ދިވެހިންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ކިންގްސް ހޮސްޕިޓަލުން އަލަށް އެ ހިދުމަތް ދޭން ފެށުމަކީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ލުއި ފަސޭހައެކެވެ.