އަންހެން ކުދިންނާއި އަންހެނުންގެ ރައްކާތެރިކަމާއި އަބުރުވެރިކަން ކަށަވަރުކުރުމަށް ފެނުގެ ރައްކާތެރިކަމަކީ މުހިންމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި މެސެޖުގައި، ރައީސް ވިދާޅުވީ ފެނުގެ ރައްކާތެރިކަމަކީ އަންހެނުންނާއި އަންހެން ކުދިންގެ ކަރާމާތާއި ރައްކާތެރިކަމާއި ހަމަހަމަ ފުރުސަތުތަކާއި ވަކި ނުކުރެވޭނެ ކަމެއް ކަމަށެވެ.
ރައިސް އިތުރަށް ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރައްކާތެރި، އިތުބާރު ހުރި، އަދި ސާފު، އަގުހެޔޮ ބޯފެން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި ރާއްޖެއަކީ ވަށައިގެން ކަނޑުއޮތް ގައުމަކަށްވުމުން، ސާފު، ރައްކާތެރި ބޯފެން ކަށަވަރުކުރުމަކީ ގައުމީ ފެންވަރުގައި އިސްކަން ދީފައިވާ ކަމެއްކަމުގައި ވިދާޅުވެފައިވެއެވެ.
ރައިސް ވިދާޅުވީ މޫސުމީ ބަދަލުތަކާއި ފެނުގެ ސަޕްލައިގައި މައްސަލަޖެހުމުގެ ސަބަބުން ފެން ދަތިވާ ހާލަތްތަކުގައި އެމައްސަލައަށް ހައްލު ހޯދުމުގައި އަންހެނުންނާއި އަންހެންކުދިން އުފުލަންޖެހޭ ބުރައަކީ ވަރަށްބޮޑު ބުރައެއްކަމަށެވެ.
ފެން ރައްކާތެރިކުރުމަށް މިހާރު އެކުލަވާލާފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމާއި، ފެން ފަށަލަ ރައްކާތެރިކުރުމާއި، ވާރޭފެން ރައްކާކުރުމަށް ކޮމިއުނިޓީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ވިލުންވެރި ނިޒާމުގެ މައްޗަށް މިމެސެޖުގައި ރައީސް ބައްލަވާލައްވާފައިވެއެވެ.
އެގޮތުން، އެފަދަ ދާއިރާތަކުން ފަންނީ ގާބިލިއްޔަތު އިތުރުކުރުމާއި، ކްލައިމެޓް ފައިނޭންސިން ކަށަވަރުކުރުމާއި، ބޯފެން ލޮނުވުުމުގެ ހާދިސާތަކުގައި އަމަލުކުރާނޭ ކުއްލި ހާލަތްތަކާއި ގަވާއިދުތަކުގެ މުހިންމުކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސްގެ މެސެޖުގައި މައިގަނޑުގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ފެނާގުޅުންހުރި ކަންކަމުގައި އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށެވެ. ރައިސް ވިދާޅުވީ ރައްޔިތުން ބާރުވެރިވުމަކީ ރައްކާތެރި، ވިލުންވެރި އަދި ރަށްރަށް ތަރައްގީވެ ކުރިއަރައި ދިއުމުގައި އެންމެ މުހިންމު މައިގަނޑު އަސާސް ކަމަށާއި، ސާފު ބޯފެން ކަަށަވަރުވުމަކީ ހަމަހަމަކަން ކަށަވަރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.
ރައިސް ވަނީ ސާފު ފެން ރައްކާތެރިކުރުމާއި، ރައްޔިތުން ބާރުވެރިކުރުމާއި، ފެނުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ޖަމާއަތްތަކާއި، މަދަނީ ޖަމިއްއްޔާތަކާއި، ޔޫޓިލިޓީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ތަރައްގީގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި، ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމު ކަށަވަރުވުމަކީ ހުރިހާ ދިވެހިންނަށް ރައްކާތެރި، ހަމަހަމަ، ކުރިމަގެއް ކަށަވަރުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރުގެ ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިއާރަކީ "ފެން އަދި މިންތި" ކަމަށްވީއިރު، ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 22 ވަނަ ދުވަހުގައެވެ.