ހަނގުރާމަ ދިގުލައިގެން ދާނަމަ، ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ޢަމަލުކުރާނެ ޕްލޭންތަކެއް އެކުލަވާލުމުގެ މަޝްވަރާތައްވެސް ކުރަމުންދާ ކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
މި މަސައްކަތަށް ހާއްސަކޮށް އުފައްދާފަވާ ކޮމިޓީގެ ފަރާތުން މިވަގުތު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމަ ދިގުލައިގެންދާނަމަ، ރައްޔިތުންނަށް ތަކުލީފެއް ނާންނަގޮތަށް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަޅުތަކެއް އެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މިވަގުތު އެންމެ އިސްކަމެއް ދެނީ، ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖެއަށް ތެޔޮ ގެންނަނީ މެދުއިރުމަތިން ކަމަށްވުމާއެކު، ތެޔޮ ހޯދުމުގައި އަވަށްޓެރި ގައުމުތަކާއެކު މަޝްވަރާކޮށް، އެކަމުގައިވެސް ކުރިއެރުންތަކެއް ހޯދިފަވާ ކަމަށެވެ. ނަމަވެސް އެ ގައުމުތަކުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ވަޒީރު ވިދާޅުވީ ކާބޯތަކެތީ ރައްކާތެރިކަން އިތުރު ކުރުމަށް ކުރާ މަސައްކަތުގައި، ރާއްޖޭގައި ތަކެތީގެ ސްޓޮކް ރައްކާކުރެވޭ މިންވަރު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ހަނގުރާމަ ދިގުލައިގެން ދާނަމަ، ސަރުކާރުގެ ހަރަދު ކުޑަކުރުމަށް އަމަލުކުރާނެ ޕްލޭންތަކެއް އެކުލަވާލުމުގެ މަޝްވަރާތައްވެސް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޔޫއޭއީގެ ފުޖޭރާ ސަރަހައްދުގައި ތިބި 3 ދަރިވަރަކު ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމުގައި ވަނީ އެހީތެރިކަން ދީފައެވެ.
ވަޒީރު ވަނީ، ގައުމުތަކުން ދެމުންދާ އިރުޝާދުތަކަށް، ދަރިވަރުންނާއި އަދި އެތަންތާންގައި ދިރިއުޅޭ ދަރިވަރުން ސަމާލުވުމަށްވެސް އެދިވަޑައިގެންފައެވެ. އަދި ހަނގުރާމައިގެ އެއްވެސް ހަރަކާތަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން ހުއްދަ ނުދޭނެ ކަމަށާއި، މިހާތަނަށް ބޭނުންކޮށްފައިވެސް ނުވާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ތަކުރާރުކުރައްވާފައެވެ.