ޒަމާނީ ފެންވަރަށް ގއ. ގެމަނަފުށީ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ފަށައިފިއެވެ.

ގެމަނަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2023ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިމަހުގެ 18 ވަނަ ދުވަހު ފަށާފައިވާއިރު، މި މަޝްރޫއުގެ ދަށުން ގެމަނަފުށީގެ 5 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްގީކުރާނެއެވެ.

ދުވާރު ހެދުމާއި މަގު ބައްތި ޖެހުމާއި ދުވާރުގެ މަސައްކަތް މި މަޝްރޫއުގައި ހިމެނެއެވެ. އަދި ދުވާރުގެ މަސައްކަތުގެތެރެއިން ކާނުތައް ހެދުމާއި، ފަހުން އަޅާ ހިދުމަތްތަކުގެ ކޭބަލްތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި، ގަސް އިންދާ ވަޅުގަނޑުތައް ހެދުމާއި، ކާބްސްޓޯން ޖެހުމާއި، އަދި ޒިގްޒެގް އިންޓަަލޮކިން ބްލޮކް ބޭނުންކޮށްގެން ޕޭވްމަންޓްގައި ގާ އެތުރުން ވެސް މި މަށްރޫއުތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ފެންބޮޑުވުން ހައްލުކުރުމަށްޓަކައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުން ހިމެނެއެވެ. އަދި މަގުގެ ނިޝާންތައް ކުރެހުމާއި ބޯޑުތައް ހަރުކުރާން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެެވެ. މި މަޝްރޫއަށް 76.1 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މީހުން ދިރިއުޅޭ ރަށްތަަކަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ގެމަނަފުށީގެ މައި އިދާރާތައް ހުރި މަގުތަކާއި، އަދި ރަށުގެ ސިނާއީ ސަރަޙައްދުތަކަށް ބޭނުންކުރާ މައި މަގުތައް ތާރުއަޅާ ތަރައްގީކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ބާރު ދުވެލީގައި ކުރަމުންނެއެވެ. އޭގެ ތެރެއިން މަގު ހެދުމުގެ ގިނަ މަސައްކަތްތަކެއް އާރްޑީސީއާއި ހަވާލުކޮށްގެންވެސް ދަނީ ކުރަމުންނެއެވެ.