ޗުއްޓީއާއި ދިމާކޮށް ގައުމީ އެއަރލައިން މޯލްޑިވިއަނުން ބެންކޮކަށް ހާއްސަ ފެއާއެއް ތައާރަފްކޮށްފިއެވެ.
މޯލްޑިވިއަނުން ބުނީ މި ފެއަރ އޮންނާނީ ޖުލައި 12އިން އޮގަސްޓް މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ފެއާގައި ދެކޮޅު ޓިކެޓްގެ އަގު ފެށެނީ 399 ޑޮލަރުން ކަމަށާއި، އަދި 25 ކިލޯގެ ބެގެޖް އެލަވަންސް ލިބޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަނުން ބުނީ، ދަތުރުތައް އޮންނާނީ ކޮންމެ އާދިއްތަ ދުވަހަކު ކަމަށާއި، އެގޮތުން މާލެއިން ބެންކޮކް ފްލައިޓް އޮންނާނީ މެންދުރުކުރީ 11 ޖަހާއިރު ކަމަށެވެ. އަދި ބެންކޮކުން މާލެއަށް ދަތުރުފަށާނީ 18:40ގައި ކަމަށް ވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
މޯލްޑިވިއަނުން ވަނީ، މި ދަތުރުތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ.
ޗުއްޓީ ދުވަސްވަރާ ދިމާކޮށް، މޯލްޑިވިއަނުން މީގެކުރިންވެސް ވަނީ ބައިނަލްއަގްވާމީ މަންޒިލްތަކަށް ދަތުރުތައް ބާއްވާފައެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހުވެސް ވަނީ ކުއަލަލަމްޕޫރަށާއި ބެންކޮކަށް ދަތުރުތަކެއް ކޮށްފައެވެ. އެގޮތުން އެ ދަތުރުތަކަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.