ތެލުގެ އައު ދެޝިޕްމެންޓެއް ރާއްޖެއަށް މިހާރު ގެނެސްފައިވާ ކަމަށާ ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރަައްޔިތުންނަށް ލިބެން ހުންނާނެކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އެކްސް ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ، މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރަށް، ތެޔޮސަޕްލައި ކުރުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެހެންނަމަވެސް މި ހާލަތުގެ އަސަރު ދިވެހި ގައުމާއި ރައްޔިތުންނަށް ކުރާވަރު ވީހައިވެސް ކުޑަކުރެއްވުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު، ވަރަށް ހަލުވިކޮށް އަދި ރޭވުންތެރިކަމާއެކު ސަރުކާރުން ފިޔަވަޅުތައް އަޅައި، އެސްޓީއޯއިން ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެމަތީން ދަމަހައްޓަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، އަދި އޭގެ އިތުރަށް ދުރާލާ ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުން ކަމަށެވެ.
އެގޮތުން މި ހަފުތާވެސް މިހާރުވަނީ ތެލުގެ އައު ދެޝިޕްމެންޓެއް ރާއްޖެ ގެނެސްފައި ކަމަށާއި، ހަމަ އެފަދައިން އެސްޓީއޯއިން ސަޕްލަޔަރުންނާއިއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީހުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ، އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރަައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.