މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ އުމްރާނީ ވަސީލަތްތައް ހަރުދަނާ ކުރުމަށް މިފްކޯއާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން، ސީއެމްއީސީއާ ދެމެދު އެމްއޯޔޫތަކެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 3 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެމްއޯޔޫތަކުގައި ސޮއިކޮށްފައިވަނީ މިކަމަށްޓަކައި ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެމްއޯޔޫތަކުގެ ދަށުން ތ.ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްޤީ ކުރުމާއި، ގދ.ތިނަދޫގައި މިފްކޯއިން ކުރިއަށް ގެންދާ މަސްގަނެ، ފިނިކޮށް ރައްކާ ކުރުމަށް ފަށާފައިވާ މަޝްރޫޢު އިތުރަށް ފުރިހަމަކޮށް ފުޅާކުރުމާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސައަށް މަސްގަނެ، ރައްކާކުރުމުގެ ޤާބިލްކަން ފުޅާކުރުން ހިމެނެއެވެ.
މީގެ އިތުރުން ފިނިކުރި ކަންނެލި ޕްރޮސެސްކޮށް ބޭރު ކުރުމަށް ބޭނުންވާ ފެކްޓަރީއެއް އައްޑޫ ސިޓީގައި ޤާއިމު ކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއެމްއޯޔޫތަކުގެ މަޤްޞަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖް އަދި މަސް ޕްރޮސެސްކޮށް ބޭރު ކުރުމުގެ ޤާބިލްކަން އިތުރުކުރުން ކަމަށެވެ.