ރާއްޖެއަށް ތެޔޮ އެތެރެކުރާ ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ރާއްޖެއަށް ތެލުގެ އައު ޝިޕްމަންޓެއް ގެނެސްފިއެވެ.
މިއީ މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުފައި ވަނިކޮށް ރާއްޖެ އެތެރެކުރި ފުރަތަމަ ޝިޕްމަންޓެވެ.
އެސްޓީއޯއީން ބުނީ މިވަގުތަށް ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް ކަމަށާއި ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިއަސް ތެލުގެ އައު ޝިޕްމަންޓެއް މިހާރު ރާއްޖެ އައިސްފައިވާކަމަށެވެ.
މީގެ އިތުރުން ތެލުގެ އިތުރު ޝިޕްމަންޓެއް ރާއްޖެއަށް އައުމުގެ މަގުމަތީގައިވާކަމަށްވެސް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.
ތެލުގެ އިތުރުން ގޭހުގެ އިތުރު ޝިޕްމެންޓެއްވެސް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުވަނީ އުފުލިފައެވެ.
ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުފުލިގެން ގޮސްފައިވާއިރު، ރާއްޖެއަށް އެތެރެކުރާ ޕެޓްރޯލް އަދި ޑިސަލް އަކީ އެންމެ މަތީ މިންގަނޑަށް ސާފުކޮށްފައި ހުންނަ ތެލެވެ. އެހެން ކަމުން މި ބާވަތްތަކުގެ އަގުވެސް ވަނީ ބޮޑުތަނުން އުފުލިފައެވެ.